މަސްތުގެ ހާލަތުގައި މާލޭގެ މިސްކިތަކަށްށް އަރައި ހުރި މީހަކު ރޭވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ ރޭ ދަންވަރު ގާތްގަނޑަކަށް 1:35 ހާއިރު މީހަކު ހައްޔަރު ކުރީ އަމީނީ މަގުގައި ހުންނަ ވިޔަފާރިވެރިންގެ މިސްކިތުން ކަމަށެވެ. ހައްޔަރު ކުރީ 34 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
އެމީހާ މަސްތުގެ ހާލަތުގައި ހުރެގެން ވިޔަފާރިވެރިންގެ މިސްކިތަށް އަރައި މިސްކިތް ތެރޭގައި ނިދާފައި އޮތްކަމަށް ވެއެވެ. އަދި ނިދާފައި އޮއްވާ އާންމުންގެ ބަޔަކު އޭނާ ނަގައި ފުލުހުންނަށް ރިޕޯޓު ކުރި އެވެ. މިމަންޒަރުތައް ފެެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ވިޔަފާރިވެރިންގެ މިސްކިތުން މީގެ ކުރިންވެސް ވަނީ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފަ އެވެ.
ފަހަކަށް އައިސް މަސްތުގެ ހާލަތުގައި ތިބެ މިސްކިތަށް އަރާ މީހުން ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް މާލޭގައި ކާފިއު ހިންގާފައި އޮންނަ ވަގުތުތަކުގައި މިސްކިތްތައް ހުސްކޮށް އޮންނާނެތީ މަސްތުގެ ހާލަތުގައި ތިބެ މީހުން މިސްކިތްތަކަށް އަަރަ އެވެ.
ކަކުލަށްވުރެއް ކުރު ސޯޓާއިއެކު މިސްކިތަށް އަރައި މިސްކިތް ތެރޭގައި ނިދާފައި ތިއްބައި އާންމުންގެ ބަޔަކު ގޮވުމުން މިސްކިތުގައި ބަހައްޓާފައި ހުރި ހަތިމެއް ނަގައި އޭގެ ތެރެއިން ޑްރަގު ނަގައިގެން ނިކުމެގެން ދިޔަ ކަމަށް މީގެ ކުރިން މީހަކު ވަނީ ސޯޝަލް މީޑިއާގައި ލިޔެފަ އެވެ.
މިިދޔަ ހޯމަ ދުވަހުވެސް ފުލުހުން ވަނީ މަސްތުގެ ހާލަތުގައި ތިބި 15 މީހަކު މަލޭގެ އެކި މިސްކިތްތަކުން ހައްޔަރުކޮށްފަ އެވެ.