ގައުމު ތަރައްގީކޮށް ކުރިޔަށް ގެންދިއުމަކީ އެންމެންގެވެސް ފަޚުރަކަށް ހެއްދުމަށް ރައީސް ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ގޮވާލައްވައިފިއެވެ.
މަޖިލިސް އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ އާރޓިފިޝަލް ބީޗުގައި އޮތް އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެންމެން އެކީ ކުރިޔަށް ދިޔައިމަ އެންމެވެސް ތިބޭނީ އުފަލުގަ ކަމުގައެވެ. އެހެންކަމުން ހުރިހާ ރައްޔިތުންވެސް އެންމެން އެކީގައި ކުރިޔަށް ދިއުމަށް ގޮވާލައްވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އަޅުގަނޑު މި ދަންނަވަނީ ހިންގަވާށޭ ކުރިޔަށް ދާނެ. މިގައުމު ތަރައްގީކޮށް ކުރިޔަށް ގެންދިއުމަކީ އަޅުގަޑުމެން އެންމެންގެވެސް ފަޚުރަކަށް ހަދަމާ ހިނގާށޭ.
ރައީސް ވިދާޅުވިއެވެ.
މިރޭގެ އިވެންޓުގައި ރައީސް މުއިއްޒު ވިދާޅުވީ ކަންކަން ބަލަން ތިއްބެވި ބޭރު ދުނިޔޭގެ ގައުމުތަކަށްވެސް ރައްޔިތުން ބޭނުންވާކަންކަން މިހާރު ސާފުވާން ވާނެ ކަމުގައެވެ. އަދި ދިވެހިން ބޭނުންވަނީ ދިވެހީންގެ ކަންކަން ދިވެހިން ނިންމަންކަން ބޭރުދުނިޔެއަށް ސާފުވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ދިވެހީންގެރާއްޖެކަން ފާހަގަކުރައްވަމުން ރައީސް ވަނީ ސިޔާސީ ލީޑަރުންވެސް ސިޔާސީ ވާދަވެރިކަން ދޫކޮށްލުމަށްފަހު، ގައުމުގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު ދެއްވާފައެވެ. އަދި އެމަނިކުފާނަކީ ސިޔާސީ ކުލައަށް ބަލައިގެން އެއްވެސް ރައްޔިތަކާމެދު ތަފާތުކުރުން ގެންގުޅުއްވާނެ ބޭފުޅެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.