ހައުސިންގް ޔުނިޓުތަކެއް އެޅުމުގެ ނަމުގައި މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ބަންދުކުރި ސީލައިފް ގްލޯބަލްގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލައިފި އެވެ.
ސީލައިފް އިން އަޅާ އެޕާޓްމެންޓުތަކެއް ވިއްކުމުގެ ނަމުގައި 200 އަށްވުރެއް ގިނަ މީހުންގެ އަތުން އައްމަޓީ ފައިސާ ނެގި އެވެ. އޭނާ ފިލައިގެން ރާއްޖެއިން ބޭރުގައި އުޅެނިކޮށް އިންޓަޕޯލްއިން ރެޑް ނޯޓިސްވެސް ނެރުނެވެ. އައްމަޓީ ހައްޔަރުކޮށްގެން ރާއްޖެ ގެނައީ މިދިޔަ މާޗު މަހު އެވެ.
ލަންކާއިން ހައްޔަރުކޮށްގެން މާލެ ގެނަސް އޭނާ ބެހެއްޓީ ބަންދުގަ އެވެ. މިމައްސަލައިގައި އޭނާގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފަ އެވެ.
އައްމަޓީގެ ބަންދުގެ މުއްދަތާއި ގުޅޭގޮތުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ.
ހެއްކަށް ނުފޫޒު ފޯރުވާނެ ފުރުސަތު އޮތުމުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ދައުލަތުން އެދުނު ނަމަވެސް އައްމަޓީގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ ނުފޫޒު ފޯރުވާނެ ހެއްކެއް ނެތް ކަމަށެވެ. އަދި ކުރިންވެސް ފިލާފައި ނުވާނެ ކަމަށާއި ދެންވެސް ނުފިލާނެ ކަމަށް ބުންޏެވެ. ކޯޓުން ނިންމީ އައްމަޓީގެ މައްސަލައަކީ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް ބުނެ އޭނާ ދޫކޮށްލަން އަމުރުކޮށްފަ އެވެ.
އައްމަޓީގެ މައްޗަށް ދައުލަތުން އުފުލަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއެކެވެ. މި ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ އެވެ.