ރާއްޖޭގެ ބައެއް ޓީވީ ޗެނަލްތަކަށާއި ބައެއް ފަރުދުންނަށް ގެއްލުން ދޭނެކަމުގެ އިންޒާރުދީފައިވާ މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
ހުޅުޖަހައި އަންދާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރުދީފައިވަނީ ރާއްޖެ ޓީވީއަށާއި ޗެނަލް 13 އަށެވެ.
ފުލުހުން ބުނީ އެފަދަ މައްސަލަތައް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ތަޙުގީގުކޮށް، ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ސައިބަރ ކްރައިމް ޑިޕާޓްމަންޓާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މީހުންނާއި ތަންތަނަށާއި ތަކެއްޗަށް، ޚާއްސަކޮށް މީހުންގެ ފުރާނައާއި މީޑިއާތަކަށް ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދޭ މައްސަލަތައް ޚާއްސަ އިސްކަމެއް ދީގެން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
އެކަމާއި ގުޅިގެން ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ފޮރުވިގެން ތިބެ ނޫސްވެރީންނަށާ މީޑިއާތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަހުގީގު ފުލުހުންގެ އިދާރާއިން މިހާރު ފަށާފައިވާ ކަމަށެވެ.
''އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ގާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތްކުރަމުން ދާނެ'' ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
''މި ދުވަސްކޮޅު ބައެއް ޓީވީ ސްޓޭޝަންތަކަށް ބޮޑެތި ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރުގެ މެސެޖުތަކެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ދެމުންދާކަމުގެ މައްސަލަ މި ކޮމިޝަންގެ ސަމާލުކަމަށް ވަނީ އައިސްފައި'' އެކްސްގައި އާއްމުކުރި ބަޔާނެއްގައި މިޑިއާގެ ބެލެނިވެރި ފަރާތް ބްރޮޑްކާސްޓިން ކޮމިޝަން އިން ވަނީ މީޑިއާތަކަށް އިންޒާރުދޭ މައްސަލަ ކުށްވެރިކޮށްފައެވެެ.
އެކަމާއިގުޅިގެން ބްރޮޑްކޮމް އިން ބުނީ އެފަދަ ކަންކަމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ އެފަދަ މައްސަލަތަކަށް ސަމާލުކަމެއްދީ އަދި ބްރޮޑްކާސްޓަރުންނާއި ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކުން ފިޔަވަޅު އެޅުމަށް ބްރޮޑްކޮމް އިން ވަނީ ގޮވާލާފައެވެ.