ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މިމަހުގެ ކަރަންޓް ބިލަށް ސަރުކާރުން ވައުދުވި ރަމަޟާން މަހުގެ ޑިސްކައުންޓް ލިބިގެންދާނެކަމުގައެވެ.
ސްޓެލްކޯއިން މިކަން އިއުލާން ކޮށްފައިވަނީ ރަމަޟާން މަހު ކަރަންޓު ބޭނުންކުރާ މިންވަރުބޮޑުކަމަށް ބުނެ ކުރީގެ ބިލަށް ސަރުކާރުން ޑިސްކައުންޓެއް ދީފައި ވަނިކޮށް، މި މަހު ކަރަންޓުބިލު ބޮޑުވުމާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކާއި ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދާއެއްގޮތަށް ރަމަޟާން މަހު ކަރަންޓު ބޭނުން ކުރުމުން ޑިސްކައުންޓެއް ދިނުމަށް ސްޓެލްކޯއިންނިންމާފައިވާ ކަމަށެވެ. އޭގެ މާނައަކީ މި މަހު ދޫކުރާ ކަރަންޓު ބިލަށް ޑިސްކައުންޓް ލިބޭނެ އެވެ.
އޭނާ ވިދާޅުވީ މިހާރު ކަސްޓަމަރުންނަށް ފޮނުވާ ބިލްތަކަށް ޑިސްކައުންޓް ދިނުމަށްފަހު ވީހާވެސްއަވަހަކަށް ރިވައިޒްކޮށް ކުރުމަށްފަހު އަލުން ކަސްޓަމަރުންނަށް ވަރަށް އަވަހަށް ފޮނުވާނެކަމަށެވެ.
ފަހުމީ ވިދާޅުވީ ސަރުކާރުގެ ހަރުދަނާ އަދި އޯގާތެރި ސިޔާސަތުތަކުގެ ދަށުން ރައްޔިތުންގެ ލާބައާއިމަންފާއަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ކުންފުނިން ކުރަމުން ގެންދާނެ ކަމުގެޔަގީންކަން އަރުވާ ކަމަށެވެ.
ފަހުމީ ރޭ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އެންމެ ހޫނު ގަދަ ދުވަސްތަކުގައި ކަރަންޓުބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ އަންނަ މަހުގެ ކަރަންޓު ބިލް ވެސް ބޮޑުވެދާނެ ކަމަށެވެ.