ރާއްޖޭގައި ހުޅުވި ފުރަތަމަ "ސްމާޓް ސްޓޯރ" ކަމަށްވާ އެސްޓީއޯ ސްމާޓް ސްޓޯރއިން 24 ގަޑި ހިދުމަތް ލިބޭގޮތް ހަދައިފި އެވެ.
އެސްޓީއޯއިން ބުނެފައިވަނީ ހުޅުމާލޭގައި ހުޅުވާފައިވާ އެކުންފުނީގެ ސްމާޓް ސްޓޯރއިން މިހާރު 24 ގަޑި އިރު ހުއްޓުމެއްނެތި ހިދުމަތް ލިބޭނެ ކަމަށެވެ.
އެސްޓީއޯ ސްމާޓް ސްޓޯރ ފިހާރައަކީ ކޭޝިއަރެއް އަދި ސޭލްސް މީހެއް ނެތި ވިޔަފާރިކުރެވޭނެ ފިހާރައެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އެސްޓީއޯއިން ހުޅުވި މިފާހަރަ ހުންނަނީ ހުޅުމާލޭ ފޭސް އެކެއްގެ ފިހާރަބަރި (ކުރިން އެސްޓީއޯ ފިހާރަ) ހިންގި ތަނުގައެވެ.
އެސްޓީއޯއިން ބުނީ، ފިހާރައިން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ވެސް ކުރެވޭނީ މޯބައިލް އެޕްލިކޭޝަން "އެސްޓީއޯ ސްމާޓް ސްޓޯ" މެދުވެރިކޮށް ކަމަށެވެ. އެޕްލިކޭޝަނުގައި އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓަާކޮށް ލޮގިންއެއް ހެދުމުން އެ ފިހާރައިން ވިޔަފާރި ކުރުމުގެ މަގުފަހިވެގެންދާނެ ކަަމަށް އެސްޓީއޯ އިން ބުނެއެވެ. އެގޮތުން ފިހާރަ އަށް ވަންނަ ދޮރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްލީމަ ދޮރު ހުޅުވޭނެ ކަމަށާއި ދެން ބޭނުންވާ އެއްޗެހި ނަގައިގެން ނުކުންނަތާ ސިކުންތު ކޮޅެއްގެ ތެރޭގައި އެޕުގައި އިންޓަގުރޭޓުކޮށްފައި އިންނަ ކާޑުން ފައިސާ ކެނޑޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އެސްޓީއޯއިން ބުނީ، އެސްޓީއޯގެ ސްމާޓް ސްޓޯ އައިއޯއެސްއާއި އަދި އެންޑްރޮއިޑް އިން ވެސް ޑައުންލޯންޑް ކުރެވޭނެ ކަމަށެވެ. އެ ފިހާރައިގައި ހުންނަ އޭއައި ކެމެރާތަކުން ހަރުތަކަށް ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން ލިބިފައިވެއެވެ.
މި ފިހާރައިގެ ސަބަބުން ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ކުޑަކޮށްދޭނެ ކަމަށާއި އަދި ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތައް އެއްކޮށް ނައްތާލާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މި ފިހާރައިގައި ނިއު އެމާޖިންގ 2 ޓެކްނޮލޮޖީއެއް ވަނީ ބޭނުންކޮށްފައެވެ. އެއީ އާޓިފިޝަލް އިންޓަލިޖެންސްގެ ވިޝަންއާއި، އައިއޯޓީ ބޭނުންކޮށްގެން ފިހާރައިގައި ކޭޝިއަރަކު ނެތި ކަސްޓަމަރު ވަދެ ޓްރާންސެކްޝަން ނިންމާފައި ނިކުމެގެންދާ ޕްރޮސެސްއެވެ.
އެސްޓީއޯއިން ބުނީ ފިހާރައިގައި ހުރިހާ ޕްރޮޑަކްޓެއްގައިވެސް އަގު ފެންނަގޮތައް ޖަހާފައި ހުންނާނެ ކަމަށެވެ. މުދަލެއް ނަގައި އެ ބޭނުންކުރުމަށްފަހު އަލުން ޝެލްފަށް ލައިފިނަމަ އެއަށް ފައިސާ ކަނޑާނެއެވެ. ނަމަވެސް މުދަލެއް ނަގައި އެ މުދާ ފިހާރައިން ނިކުތުމުގެ ކުރިން ބަހައްޓައިފިނަމަ އެއަކަށް ފައިސާއެއް ނުކަނޑާނެއެވެ. ކޮންޕިއުޓަރ ވިޝަންއިން %99 އެކިއުރޭޓްވީ ނަމަވެސް %1 ޕްރޮޑަކްޓް މިސްރީޑް ވުމުގެ ފުރުޞަތު އޮތުމާއިއެކު އެޙާލަތުގައި އެޕް މެދުވެރިކޮށް ރިފަންޑް ކުރުމުގެ ފުރުޞަތު ނުވަތަ ސަޕޯޓަރ ކޮންޓެކްޓް ކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.