އިޒްރޭލުގެ އަމަލުތައް ބަލަން ދުނިޔެ ހިމޭނުން ތިބެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ އިޒްރޭލުން ރަފާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އިޝާރާތްކުރައްވާފަ އެވެ. އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި އާދީއްތަ ދުވަހުން ފެށިގެން ގައްޒާގެ ދެކުނު ސަރަހައްދަށް އިންސާނީ އެހީ ވަނުން އިޒްރޭލުން ހުއްޓުވާފައި ވެއެވެ. އަދި އިޒްރޭލުގެ ވަޒަންވެރިން ދަނީ އެހީގެ ގާފިލާތަކަށް ހުރަސް އެޅުމުގެ ގޮތުން މަގުތަަކަށް ބޮޑެތި ހިލަތައްވެސް އަޅަމުން ނެވެ. އަދި މި ނޫންވެސް އެކިގޮތްގޮތުން އިޒްރޭލުގެ އާންމުން ދަނީ ގައްޒާއަށް އެހީ ފޯރުވުމުގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ނެވެ.
ރައީސް ވަނީ މިހާރު ގައްޒާގައި ފެންނަމުންދާ މަންޒަރުތަކަކީ މާޔޫސްކަމާއި މަރުގެ މަންޒަރުތަކެއްކަން ފާހަގަކުރައްވާފަ އެވެ. އިޒްރޭލު ސިފައިންގެ އަތްދަށުން ގައްޒާ ސުންނާފަތިވެފައިވާއިރު ބައިނަލްއަގްވާމީ މުޖުތަމައު ހިމޭނުން ނުހުންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދޭ އަނިޔާވެރި ހަމަލާތައް އެއްފަހަރާ ހުއްޓުވައި ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވާން ޖެހެ އެވެ. މިހެންވެ އައިސީޖޭއިން މި މައްސަލައިގައި އަވަސް ފިޔަވަޅެއް އަޅުއްވަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
ދާދިފަހުން އިޒްރޭލުން ރަފާއަށް ދިން ހަމަލާތަކުގެ ސަބަބުން ދެކުނު އެފްރިކާއިން އިތުރު ވަގުތީ ފިޔަވަޅުތަކެއް އެޅުމަށް އެދިފައިވާއިރު ރާއްޖެއިން އެކަމަށް ފުރިހަމައަށް ތާއީދުކުރާ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައި ވެއެވެ.
ދިވެހި ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބޭނެ ކަމަށާއި، 1967 ގެ ކުރިން އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށް ކަމުގައި އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް މިނިވަން ދައުލަތެއްގެ ހައްގު ހޯދުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.