ވަޒީފާއިން ވަކިކުރީ މަނީ ލޯންޑަރ ކޮށްގެން ނޫން ކަމަށާއި ސޯޝަލް މީޑީއާގައި އޭނާއާއި އޭނާގެ އަންހެނުންނާއި ގުޅޭގޮތުން ދެކެވެމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ވަޒީފާއިން ވަކި ކުރި މާލިކު އާދަމް ބުނެފި އެވެ.
ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ ތާޑް ސެކެޓްރީގެ މަގާމަށް މާލިކު އައްޔަން ކޮށްފައިވަނީ މިދިޔަ ސަރުކާރުންނެވެ. މިދިޔަ ސަރުކާރު ނިމި މި ސަރުކާރު އައުމަށްފަހު ވެސް މިދިޔަ ބުރާސްފަތިދުވަހާއި ހަމައަށް މާލިކު ހުރީ އެމަގާމުގަ އެވެ.
ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ ނޫހެއް ކަމަށްވާ ދިޔަވަރު ޑޮޓް ކޮމްގައި ޝާއިއުކުރި ލިޔުމަކާއި ގުޅޭގޮތުން އެކަން އާންމު ރައްޔިތުންނަށް ސާފުކޮށްދިނުމަށް މާލިކު ބުނީ އެ ލިޔުމުގައި ވަނީ މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ. އޭނާއަކީ މަނީ ލޯންޑަރ ކުރާ މީހެއް ނޫން ކަމަށާއި ވަޒީފާއިން ވަކިކުރީ ޑިޕްލޮމެޓިކްއަކަށް ހުރެ ވިޔަފާރި ކުރުން މަނާވާތީ ކަމަށް އޭނާ ބުންޏެވެ.
"ލަންކާ އެމްބަސީން އަޅުގަނޑު ގެންގޮސް އަޅުގަނޑު ކައިރީ އެހީ ޑިޕްލޮމެޓިކް ކެރިއަރ ތޯ ނުވަތަ ވިޔަފާރިތޯ ޗޫޒް ކުރާނީ. އަޅުގަނޑު ޗޫޒްކުރީ ވިޔަފާރި. އެއީ ވީގޮތަކީ." މާލިކު ބުންޏެވެ.
ދިޔަވަރު ނޫހުގައި ބުނެފައިވާ ގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މާލިކު ދަނީ ކޮންމެ ހަފްތާއެއްގައި ތުރުކީއާއި ދުބާއީއަށް އެގައުމުން ނަގުދު ފައިސާގެ ގޮތުގައި ޑޮލަރު ރާއްޖެއަށް އެތެރެކުރަމުން ކަމަށެވެ. އަދި އެކަމުގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް މެދުވެރިވާކަމަށާއި އޭގެ ހަގީގަތަކީ އެދެގައުމުން ފައިސާ ރާއްޖެއާއި ލަންކާއަށް އެތެރެކޮށް އެ ފައިސާ އެކި ގޮތްގޮތަށް ވިއްކައިގެން އޭގެން އަސްލު ޑޮލަރު ހަދައިގެން މާފިޔާ ބަޔަކަށް ފޯރުކޮށްދެނީ ކަމަށް މާލިކުގެ އެކުވެރިޔަކު ބުނެފައިވާ ކަމަށެވެ.
މާލިކު ބުނީ އެއީ އެއްވެސް އަސާސެއް ނެތް ވާހަކަ އެއް ކަމަށެވެ. މާލިކު ބުނީ އޭނާ މިވަގުތު ވެސް ކުރަމުންދާ މަސައްކަތަކީ ކްރިޕްޓޯ ވިޔަފާރި (ޔޫއެސްޑީޓީ ގަނެ ވިއްކުން) ކަމަށާއި އެކަމުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެ ކަމަށެވެ. ދުބާއި އަށް އެފައިސާ ގެންދަމުންދާކަމަށާއި ނަމަވެސް ގެންދަނީ ޑިކްލެއަރަ ކޮށްގެން ލީގަލް ރޫޓް ބޭނުންކޮށްގެން ކަމަށް މާލިކު ބުންޏެވެ. އަދި އެފައިސާ އަނބުރާ ޔޫއެސްޑީޓީގެ ގޮތުގައި ދިވެހިރާއްޖެއަށް ވިއްކާ ކަމަށް އޭނާ ބުންޏެވެ. އެއީ އަދި ހުއްދަ ކަމެއް ކަމަށް އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުންޏެވެ.
މާލިކުގެ އަންހެނުންނަކީ ލަންކާގައި މިވަގުތު ވެސް ޒިންމާދާރު ވަޒީފާއެއްގައި ވަޒީފާ އަދާކުރަމުންދާ ޑޮކްޓަރެއް ކަމަށާއި އޭނާގެ އަންހެނުންގެ ވެސް އަބުރުކަތިލަން މަސައްކަތް ކޮށްފައިވާ ކަމަށް މާލިކު ބުންޏެވެ.
އަދި މިހާރު ވެސް ރާއްޖޭގެ ކަސްޓަމްސް އިން އެ ތަހުގީގު ހިންގަމުންދާ ކަމަށާއި އެފައިސާ ގެންދަނީ ޑިކްލެއަރ ކޮށްގެން ކަަމަށް މާލިކު ބުންޏެވެ.
"ކަސްޓަމްސް އިން އެތަހުގީގު ހިންގަންފެށީ މީހަކު އެތަނަށް ނުބައި މައުލޫމާތުތަކެއް ދީގެން. ރާއްޖޭގެ ކަސްޓަމްސް އިން ޑިކްލެއަރ ނުކޮށް ދުވަހަކު ވެސް ފައިސާ ގެންގޮސް އަދި ގެނެސްފައި ވެސް ނޯންނާނެ." މާލިކު ބުންޏެވެ.
އޭނާ ބުނިގޮތުން އޭނާއަކީ މީގެ ކުރިން ވެސް ވިޔަފާރި ކުރަމުންގެންދާ މީހެއްކަމަށެވެ. އެގޮތުން "ސީފުޑް" ވިޔަފާރި އެކްޕޯޓު ކުރަމުންގެންދިޔަ މީހެއްކަމަށެވެ. އެހެންކަމުން އޭނާއާއި ދޭތެރޭ ދެކެވެމުންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ކަމަށް ބުންޏެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދޭތީ ވަނީ ލިބޭނޭގޮތް ނުވެފަ އެވެ.