މާދަމާ ދައުރު ހަމަވާ 19 ވަނަ ރައްޔިތުންގެ މަޖިލީހާއި މެދު އެމްޑީޕީން ފަހުރުވެރިވާ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މީގެ ފަސް އަހަރު ކުރިން 2019 ގައި ރައްޔިތުން އިންތިޚާބުކުރި 87 މެމްބަރުންގެ ދައުރު ހަމަވާނީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ނިންމެވީ ޖަލްސާތައް އިއްޔެ ނިޔަލަށް ކުރިއަށް ގެންދިޔުމަށެވެ.
މަޖިލީހުގެ ރައީސްއާއެކު މިއަދު ބޭއްވި ބައްދަލުވުމަށްފަހު ޝާހިދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 19 ވަނަ މަޖިލީހަކީ އެމްޑީޕީގެ ފުރިހަމަ އަޣުލަބިއްޔަތެއް އޮތް މަޖިލީހަކަށް ވެފައި ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެވުނު މަޖިލީހަށް ވުމަކީ އެމްޑީޕީ ފަޚްރުވެރިވާ ކަމެއް ކަމަށެވެ.
އަދި މަޖިލީހުގައި ހިމެނިވަޑައިގެންނެވި އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އިޚްލާސްތެރި ޝުކުރު ޝާހިދު ރައްދު ކުރެއްވި އެވެ.
އިއްޔެ ބޭއްވި 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލިސް އުފެދުނުތާ 92 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސައްކަތްތައް ކުރެވުނީ 19 ވަނަ މަޖިލީހުން ކަމަށާއި އެގޮތުން 530 ޖަލްސާ ބޭއްވުނުއިރު، 178 ބިލާއި، 73 ގަރާރާއި، ސަރުކާރުން ހުށަހެޅި 152 މައްސަލަ އާއި ރިޔާސަތުން ހުށަހެޅި 104 މައްސަލަ އާއި 108 ކުއްލި މައްސަލައިގެ އިތުރުން މެމްބަރުން ހުށަހެޅި 48 މައްސަލަ އާއި އެކި މައްސަލަތަކާ ގުޅޭ 153 ރިޕޯޓުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.
މަޖިލީހުން ފާސްކުރި މުހިއްމު ބިލުތަކުގެ ތެރޭގައި ރިޔާސީ ކޮމިޝަންތަކާ ބެހޭ ބިލާއި، ގާނޫނީ ފަންނުގެ ބިލާއި، މަސްވެރިކަމާއި ބެހޭ ބިލާއި، ކުޑަކުދިންގެ އަދުލުގެ ބިލާއި، އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި ފެނާއި ނަރުދަމާގެ ބިލުގެ އިތުރުން ތައުލީމީ ބިލާއި އިންތިގާލީ އިންސާފުގެ ބިލާއި ފުލުހުންގެ ބިލު ހިމެނެ އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 20 ވަނަ ރައްޔިތުންގެ މަޖިލިހަށް ހޮވި 93 ބޭފުޅުން މެމްބަރުކަމުގެ ހުވާކުރައްވާނީ މި މަހުގެ 28 ގަ އެވެ.