އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އެމްއެންޑީއެފްގެ ހުއްދައެއް ނެތި ތ. ތިމަރަފުށީގައި ޖެއްސިކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫން ދެއްކެވި ވާހަކަ އިންޑިއާ ހައިކޮމިޝަނުން ދޮގު ކޮށްފިއެވެ.
މިމަހުގެ 11 ވަނަ ދުވަހު ދިވެހި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގައި ބޭނުން ކުރަމުންދާ އިންޑިއާގެ ހެލިކޮޕްޓަރ ހުއްދަ ނެތި ބޭނުންކޮށްފައިވާކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރ ދެއްކެވި ވާހަކައާއި ގުޅިގެން އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި އިންޑިއަން އޭވިއޭޝަންގެ ޕްލެޓްފޯމްތައް ބޭނުން ކުރަމުން ގޮސްފައިވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށާ، ބޭނުންވާ ހުއްދަތައްވެސް އެމްއެންޑީއެފްއިން ނެގުމަށްފަހު ކަމަށެވެ.
އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ކޮށްފައިވާ، 9 އޮކްޓޯބަރ 2019ގައި ކުރި ދަތުރަކީވެސް އެއުސޫލުގެމަތިން ކޮށްފައިވާ ދަތުތެއްކަމުގައިވެސް އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެއެވެ.
އަދި އެ ދަތުރަކީ އެމަރޖެންސީ ހާލަތުގައި ކޮށްފައިވާ ދަތުރެއްކަމަަށާއި، ހެލިކޮޕްޓަރއާއި އަދި އޭގެ ކުރޫންގެ ސަލާމަތަށްޓަކާ އެ ދަތުރުވެސް ކޮށްފައިވަނީ އެއަރ ޓްރެފިކް ކޮންޓްރޯލްގެ ހުއްދަވެސް ނަގައިގެން ކަމުގައި ވެސް އިންޑިއާ ހައިކޮމިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރައީސް އޮފީހުގައި ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޣައްސާން ވިދާޅުވީ ހުއްދަނެތި ހެލިކޮޕްޓަރު ދަތުރުކުރީ ތ. ތިމަރަފުށްޓަށް ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރި މިދިޔަ ފަސް އަހަރުގެ ތެރޭގައި 241 ކޮމިޓީން އޮންނާނެ ބަލާފައި ދިވެހިންގެ ހުއްދަ ނެތި ފްލައިޓެއް އަޅާފައި އޮތް ކަން. ދިވެހިންގެ ހުއްދަ ނެތި ހެލިކޮޕްޓަރެއް އޭރު އޮތީ ދުއްވާފައި. އެއީ ތިމަރަފުއްޓަށް ލޭންޑްކުރި އިންސިޑެންޓެއް،" ޣައްސާން ވިދާޅުވި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރާއްޖޭގައި ހުރި އިންޑިއާގެ ވައިގެ އުޅަނދުފަހަރު ބޭނުންކުރަމުން އައީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހޯދަންޖެހޭ ހުއްދަތައް ނަގައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
ޣައްސާން ވިދާޅުވި ވާހަކައަށް އިޝާރާތްކޮށް ހައިކޮމިޝަނުން ބުނީ، 2019 ގައި ކުރި އެ ދަތުރަކީ ވެސް ހުއްދަތައް ނަގައިގެން ކުރި ދަތުރެއް ކަމަށާއި، އެ ދުވަހު އެމަޖެންސީގައި ތިމަރަފުށީ އެއާޕޯޓަށް ޖެއްސީ ވެސް ހުއްދަތަކާއެކު ކަމަށެވެ.