ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފިލައިގެން ގޮސްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ދައުލަތުން ބުނެ ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް، ޝަރީއަތް ނިމެންދެން ހިފަހައްޓަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ބައްސާމްގެ މައްޗަށް އުފުލި ދެ ދައުވާ އެއް ދައުލަތުން ވަނީ އުފުލާފަ އެވެ. އެއީ މަނީލޯންޑަރިންގ ގެ ދައުވާއަކާއި ޚިޔާނާތުގެ ދައުވާ އެކެވެ.
ބައްސާމްގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލާފައިވަނީ ފީފާއިން 2018 ވަނަ އަހަރު އެފްއޭމަށް ޖަމާކުރި 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުން ކުރިކަމުގެ ތުހުމަތުގައެވެ.
އެގޮތުން، އެފްއޭއެމްގެ އެކައުންޓުން 10،004 ޑޮލަރު ބައްސާމްގެ އަމިއްލަ ބޭންކް އޮފް މޯލްޑިވްސް އެކައުންޓަށް ޖަމާކުރަން ހުށަހަޅައި، ބޭންކު ޗާޖުގެ ގޮތުގައި ފަސް ޑޮލަރު ކެނޑުމަށް ފަހު ޖުމުލަ 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އެދައުވާގައި ވެ އެވެ. އޭނާ އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވަނީ ޑޮލަރުގެ ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެ ކަމަށާއި އެ ޑޮލަރަށްވާ ފައިސާ އެއްވެސް އިރެއްގައި އެފްއޭއެމްގެ އެކައުންޓަށް ވަދެފައިނުވާ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.
ބައްސާމްގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލާފައިވަނީ، އަމިއްލަ އެކައުންޓަށް 9،999 ޑޮލަރު ޖަމާކުރުމަށް ފަހު، އެ ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އޭނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓުގެ ވިޔަފާރީގެ ކަންކަމަށް ބޭނުންކޮށްފައިވާތީއެވެ. އަދި، ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފުލެޓުގެ އެޕާޓްމެންޓުގެ ކުލި ދައްކަން ވެސް އޭގެ ތެރެއިން 2،000 ޑޮލަރު ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.
އެހެންވެ، އެފްއޭމްގެ ފައިސާއިން ގެއްލުނު 10،000 ޑޮލަރު ދައުލަތަށް ނަގައިދޭން ދައުވާގައި ވަނީ އެދިފައެވެ.
މިއަދު އޮތީ ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުމާމެދު ގޮތެއް ނިންމުމެވެ. ބައްސާމްގެ ޕާސްޕޯޓް ކުރިން އޮތީ ހަ މަސް ދުވަހަށް ހިފަހައްޓާފައެވެ. އެ މުއްދަތު ޖޫން މަހުގެ ފުރަތަމަ ހަފްތާތެރޭގައި ހަމަވާނެ އެވެ. އެހެން އެކަން އޮއްވާ، ދައުލަތުން މިއަދު އެދުނީ މައްސަލަ ނިމެންދެން ބައްސާމްގެ ޕާސްޕޯޓް ހިފެހެއްޓުމަށެވެ. އަދި ޝަރީއަތުން މިއަދު ވަނީ ދައުލަތުން އެދުނު ގޮތަށް ބައްސާމްގެ ޕާސްޕޯޓް، މައްސަލަ ނިމެންދެން ހިފެއްޓުމަށް ނިންމާފަ އެވެ.