ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަކީ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫންކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން މަހުލޫފުގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީގައި އެދިފައި ވަނިކޮށް އެމައްސަަލައިގައި ކަންތައްތަކެއް ފުރިހަމަ ނުވާތީ އެކަން ފުރިހަމަ ކުރުމަށާއި ބައެއް ލިޔުންތައް ފޮނުވަން ޕީޖީން ވަނީ އަންގައިފަ އެވެ.
މިކަމާއި ގުޅިގެން މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައްސަލަ ފޮނުވުމުން އޭސީސީން ބޮޑު ބަޔާނެއް ނެރުމަށްފަހު އަނބުރާ ފޮނުވާލީމައި ހަނު ތިބޭ ކަމަށެވެ. އަދި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅިވަރަކަށް ނުހެދޭެނެ ކަމަށްވެސް މަހުލޫފު ވިދާޅުވި އެވެ.
އަޅުގަނޑަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން. ކަން ކުރަން ނޭނގެންޏާ އިސްތިއުފާ ދެއްވީމަ މާ ރަނގަޅުވާނެ
- މިނިސްޓަރު އަހުމަދު މަހުލޫފު
މަހުލޫފު ޝިއުނާގެ އިސްތިއުފާއަށް ގޮވާލެއްވިއިރު މީގެ ކުރިން މަހުލޫފު ވަނީ އޭނާގެ މައްޗަށް ދައުވާ ކުރަނީ ސިޔާސީ ގޮތުން އޭނާގެ ހަޔާތް ދުއްވާލުމުގެ ބޭނުމުގައިކަމަށް ބުނެފަ އެވެ. އަދި އެކަން ވެރިންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
މަހުލޫފުގެ މައްޗަށް ތުހުމަތު ކުރެވެނީ ކުރީގެ ސަރުކާރުން ފާސްކުރި އެސްއީޒެޑު ބިލަށް ވޯޓު ދެއްވުމަށް ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތެވެ. އޭރު މަހުލޫފު ހުންނެވީ ޕީޕީއެމް ޓިކެޓުގައި މަޖިލިސް މެމްބަރެއްގެ ގޮތުގަ އެވެ. 33،000 ޑޮލަރު އެސްއޯއެފްގެ އެކައުންޓުން މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު މަހުލޫފު ވިދާޅުވަނީ އެފައިސާއަކީ ޑޮލަރުގެ މުއާމަލާތަކަށް ނެންގެވި ފައިސާ ކަަމަށެވެ.