އެކަކު އަނެކަކަށް "ލާދީނީ" ގޮވުން ހުއްޓުވުމުގެ ގޮތުން ގާނޫނުލް އުގޫބާތަށް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް އާންމުންގެ ތަރުހީބު ހޯދުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ނިކުންނަވައިފި އެވެ.
އެގޮތުން މިއަދު ނަޝީދު ވަނީ ހަސަންން ކުރުސީ ކިޔާ ބޭފުޅަކު ނަޝީދަށް ހުށަހެޅުމަށް ސޯޝަލް މީޑިއާގައި އާންމުންގެ ސޮއި ހޯދަން ހުޅުވާލާފައިވާ ޕެޓިޝަނެއް ހިއްސާ ކުރައްވައި އެ ޕެޓިޝަންގައި ސޮއިކުރުމަށް އެދިވަޑައިގެންފަ އެވެ.
އެ ޕެޓިޝަންގައި ބުނެފައިވަނީ އެކަކު އަނެކަކަށް "ލާދީނީ" ގޮވައި ކާފަރު ކުރުން ހުއްޓުވަން ޖެހޭ ކަމަށެވެ. އެއީ އެފަދަ ކަންކަން ނިންމަން ޖެހޭނީ ކޯޓުތަކުން ކަމަށާއި އެއީ ވަކި ވަކި ފަރުދުން ނިންމާނެ ކަންކަން ނޫން ކަަމަށް ޕެޓިޝަންގައި ވަނީ ބުނެފަ އެވެ.
މީހުން ކާފަރު ކުރުމުގެ ސަބަބުން ލޭ ހުއްދަކޮށް ލޭ އޮހޮރުވަމުން ދާކަން ޕެޓިޝަންގައި ފާހަގަކުރި އެވެ. އެގޮތުން މިވޭތުވެ ދިޔަ 10 އަހަރު ތެރޭގައި އެފަދަ ހާދިސާތައް ހިނގާފައިވާކަމަށް ޕެޓިޝަންގައި ބުންޏެވެ. މިސާލަކަށް ނެންގެވީ ނަޝީދަށް މިދިޔަ މަހު ދިން ޓެރަރިސްޓު ހަމަލާ އެވެ.
ލާދީނީ ގޮވުމަކީ ހަރުކަށި ފިކުރުގެ މީހުންގެ އެންމެ ވަރުގަދަ ހަތިޔާރު. އިސްލާމް ދީނަކީ އަމަނައާއި ސުލްހައިގެ ދީން. ބޭނުންވަނީ އެކަކު އަނެކަކަށް އިހުތިރާމް ކުރާ ޒަމާނީ އިސްލާމީ މުޖުތަމައެއް
- ޕެޓިޝަން
އެހެންކަމުން ޕެޓިޝަންގައި ވަނީ ގާނޫނުލް އުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ އިސްލާހު ފާސްކުރުމަށް ތާއީދު ކުރާކަމަށް ލިޔެފަ އެވެ. އެއާއެކު ބުނެފައިވަނީ މިއަދު މިކަން ނުކޮށްދިނަމަ މާދަމާ އަހަރުމެންގެ ދަރިންނަށް ދިރިއުޅެވޭނެ މުޖުތަމައުއެއް ލިބުން އުނދަގޫ ވާނެކަމަށެވެ. އަދި މިކަން ދޭހަވާނެ އެތައް ހާދިސާއެއް ހިނގައިފިކަމަށްވެސް ޕެޓިޝަންގައި ބުންޏެވެ.
12 ގަޑިއިރު ކުރިން ފެށި މި ޕެޓިޝަންގައި މިހާތަނަށް ސޮއި ކުރީ 250 މީހުންނެވެ.
ހިސާން ހުށަހެޅުއްވި ނަފުރަތުގެ ބިލުގެ ސަބަބުން މުސްލިމެއްގެ ނަމުގައި ހުރެ ދީނަށް ފުރައްސާރަކޮށް ދީނާއި ހިލާފު ކަންކަން ކުރިނަމަވެސް ލާދީނީ ގޮވުމުން ކުށްވެރިވާނެ އެވެ. އަދި އެފަދައިން ދޭހަވާ ގޮތަކަށް އާންމު ތަނެއްގައި ނުވަތަ ސޯޝަލް މީޑިއާގައި އަޑު ފެތުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅޭނެ އެވެ.
މި ބިލާއި ދެކޮޅަށް 101 އިލްމުވެރިއަކު ސޮއިކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިޔުމެއް ފޮނުއްވާފައިވެ އެވެ. މީގެ އިތުރުން ޖަމިއްޔަތުއް ސަލަފުގެ އިތުރުން ފަތުވާ ކޮމިޓީ އާއި އިސްލާމިކް މިނިސްޓްރީންވެސް މި ބިލާ ދެކޮޅުކަން ވަނީ ހާމަކޮށްފަ އެވެ. އެމްޑީޕީ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސިޔާސީ ޕާޓީތަކުންވެސް މި ބިލާ ދެކޮޅު ހަދާފައިވާއިރު ކައުންސިލްތަކުގެ އަގުލަބިއްޔަތުވެސް އޮތީ މި ބިލާ ދެކޮޅަށެވެ.