މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިންގުން މިއަދުންފެށިގެން އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމްއާއި ހަވާލުކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެމްއެމްޕީއާރްސީގެ ހިންގުން ބައްސާމާއި ހަވާލުކުރީ ވަގުތީ ގޮތުން ކަމަށެވެ.
އެމްއެމްޕީއާރްސީގެ އެމްޑީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ފާތުމަތު ތައުފީގް މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކި ކުރިކަން ޕީސީބީން ކަށަވަރުކޮށްދިނީ އިއްޔެގެ ވަގުތެއްގަ އެވެ.
އެމްއެމްޕީއާރްސީގެ ޗެއާޕާސަން ނޫރައިން ޖަނާހުވެސް ވަނީ އޭނާ ހުންނެވި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ޕީސީބީން ބުނީ ނޫރައިން އިސްތިއުފާދީ ޕީސީބީއަށް ސިޓީ ފޮނުވާފައިވާތީ އެ ސިޓީ ގަބޫލުކޮށް އެ މަގާމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މިފްކޯގެ ސީއީއޯ މަގާމުގައި ހުންނެވި އަހުމަދު ސަމާހު އެ މަގާމުން ވަކިކޮށް މިހާރު ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓަކަށް އައްޔަންކޮށްފަ އެވެ.
ބައްސާމް އެމްއެމްޕީއާރުސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތަކެއްވެސް ކުރި އެވެ.
އެ ކުންފުނީގެ މުވައްޒަފަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ތުހުމަތު ކުރި ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް އެ ދުވަސްވަރު އެމްއެމްޕީއާރުސީން ބުނެފައިވެ އެވެ. ނަމަވެސް, އެ ތުހުމަތުތައް ކުރެވުނީ ކޮން މުވައްޒަފަކާ ދެކޮޅަށް ކަމެއް އޭރު ހާމަނުކުރެ އެވެ.