ނަފުރަތުގެ އަމަލު ހުއްޓުވުމުގެ ނަމުގައި ލާދީނީ ގޮވުމާއި އެކަން ދޭހަވާފަދަ ގޮތަކަށް ހިޔާލުފާޅުކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ގާނޫނުލް އުގޫބާތަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅަށް ކައުންސިލްތަކުން ބަޔާން ނެރެމުން ދާތީ އެކަން ހުއްޓުވަން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ދާއިރާތަކުގެ ރައީސުން މަސައްކަތް ކުރުމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ގޮވާލައްވައިފި އެވެ.
ޝިފާޒް މިގޮތަށް ގޮވައިލެއްވީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގަ އެވެ.
އެގޮތުން ޝިފާޒު ވިދާޅުވީ ނަފުރަތުގެ ބިލަކީ ހެޔޮ ނިޔަތެއްގައި ހުށަހެޅި ބިލެއް ކަަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށާއި ނަފްރަތުގެ ބިލަކީ ހަރުކަށި ފިކުރަށް ރާއްޖޭގައި ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް، އެ ނަފްރަތުން ސަލާމަތްވުމަށް ހުށަހެޅުނު ބިލެއް ކަމަށެވެ.
މި ޤައުމީ މަޖިލީހުގެ އެންމެހާ ދާއިރާ ރައީސުންގެ ކިބައިން އެދެން ހަމަ ބޭނުން އެ ދާއިރާއެއްގެ ކައުންސިލް މެދުވެރިކޮށް ސަލަފުގެ އެ ބަޔާން ނެެރެމުންދާ ނެރުމަށް ތިބޭފުޅުން ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާށޭ އެކަން ނުކުރެވޭނެގޮތަށް.
- އެމްޑީޕީ ނައިބު ރައީސް މުހައްމަދު ޝިފާޒް
ޝިފާޒުގެ ފާޑު ކިޔުން އަމާޒުވީ ޖަމިއްޔަތުއް ސަލަފަށެވެ. އެގޮތުން އޭނާ ވިދާޅުވީ މާތް މަގުސަދެއްގައި ބިލު ހުށަހެޅި ނަަމަވެސް އެ ބިލު ސެކިއުލާ ބިލަކަށް ބަދަލު ކުރީ ސަލަދުން ކަމަށެވެ. އަދި އެކަމާއި ދެކޮޅަށް ސަލަފުން ކެމްޕެއިނެއް ފެށިކަމަށްވެސް ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒުގެ އިތުރުންވެސް ބައެއް މެމްބަރުން ވަނީ ސަލަފު ޖަމިއްޔާއަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ބިލުގެ މަގްސަދު އޮޅުވައިލަން ބަޔަކު މަސައްކަތް ކުރަނީ މަކަރާ ހީލަތުން ކަމަށެވެ. ރާއްޖޭގައި އަނިޔާވެރި ގޮތްގޮތަށް މީހުން މަރާ ސަބަބެއްގެ ގޮތެއްގުގައި ދީނީގޮތުން ހަރުކަށި ފަރާތްތައް މީހުންގެ ބޮލުގެ ކުފުރުގެ ތުހުމަތު ނުވަތަ ލާދީނީ ޓެގް އަޅުވައި، ނަފްރަތު އުފައްދުން ހިމެނޭކަން ތަހުޤީޤީ އިދާރާތަކުންވެސް ފާހަގަކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނަފުރަތުގެ ބިލަކީ އެކަން ހައްލު ކުރަން ހުށަހަޅާފައިވާ ބިލެއް ކަމަށް ވައްޑޭ ވިދާޅުވި އެވެ.
ހިސާން ހުށަހެޅި ބިލާއި ދެކޮޅަށް މިހާތަނަށް ވަނީ 97 ކައުންސިލަކުން 477 މެމްބަރުން ސޮއިކޮށް ބަޔާން ނެރެފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ޖަމިއްޔާ ޖަމާއަތްތަކުންވެސް ދަނީ އެ ބިލާއި ދެކޮޅަށް ބަޔާން ނެރެމުންނެވެ.
ނަފުރަތުގެ ބިލު ފާސްކުރުމާއި އެއްކޮޅަށް އާންމުންގެ ތާއީދު ހޯދުމަށް ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި މިއަދު ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ހުޅުވާލައިފަ އެވެ. 13 ގަޑިއިރު ވެގެން ދިޔައިރު އެ ޕެޓިޝަންގައި ސޮއިކުރީ 250 މީހެކެވެ.