ވޭތުވެ ދިޔަ ދެ މަހެއްހާ ދުވަހު އެމެރިކާގައި ހުންނެވުމަށްފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު މާލެ ވަޑައިގަންނަވައިފި އެވެ.
ޝާހިދު މާލެ ވަޑައިގެންނެވުމާއިއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.
ޝާހިދު އެމެރިކާއަށް ވަޑައިގެންނެވީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު އެވެ. އެއީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވައި އެކަމުގެ ކެމްޕެއިނަށެވެ.
އެ އިންތިހާބުގައި އަފްޣާނިސްތާންގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލާއި ވާދަ ކުރައްވައި ބޮޑު ތަފާތަކުން ޝާހިދު ވަނީ އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ. ސިއްރު ވޯޓުގައި ޝާހިދަށް ލިބިވަޑައިގެންނެވީ 143 ވޯޓެވެ. އަދި ޑރ. ޒަލްމާއި އަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.
ޝާހިދު އެ މަގާމާއި ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އާންމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގެންނެވުމާއިއެކު ގިނަ ދުވަސްތަކެއް ޝާހިދަށް އެމެރިކާގައި ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. އެހެންނަމަވެސް ފޮރިން މިނިސްޓަރުގެ މަގާމުގައި އޭނާ ދެމި ހުންނަވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޝާހިދު އެ މަގާމަށް ހޮވިވަޑައިގެންނެވީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ސެޕްޓެމްބަރުގެ ކުރިންވެސް އޭނާއަށް އެމެރިކާއަށް ވަޑައިގަންނަވަން ޖެހޭނެ އެވެ. ވަޑައިގަންނަވާ ތާރީހެއް ފޮރިން މިނިސްޓްރީން އަދި ހިއްސާ ނުކުރެ އެވެ.
ޝާހިދު މިދިޔަ އޭޕްރީލް މަހު އެމެރިކާއަށް ވަޑައިގެން މަސް ދުވަހު ހުންނެވިއިރު ދިވެހި ދައުލަތުން ގާތްގަނޑަކަށް 2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ގާތްގަނޑަކަށް ދެ މަސް ދުވަހު ހުންނެވުމަށްފަހު އަނބުރާ ވަޑައިގެންނެވިއިރު އޭގެ ދެގުނަ ހަރަދު ވާނެ ކަމަށް ބެލެވެ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ މި ދަނޑިވަޅުގައި އަދި ގައުމުގެ އާމްދަނީ އިންތިހާއަށް ދަށަށް ގޮސްފައިވަނިކޮށް ދައުލަތުން ބޮޑު ހަރަދެއް ކޮށްގެން ޝާހިދު އެމެރިކާގައި ކެމްޕެއިން ކުރައްވަން ހުންނެވުމުން އޭނާ އަށާއި ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.