ރާއްޖެ ޑިޖިޓަލް އިކޮނޮމީއަކަށް ބަދަލުވުމުގެ މަރުހަލާގައި އޮތް ނަމަވެސް އެކަމަކީ އެކަނި ހާސިލް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ބައިނަލްއަގުވާމީ އިންވެސްޓްމަންޓުތަކާއި އެހީތެރިކަން މުހިންމުކަމުގައި ރައީސް ޑރ. މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހަތަރުވަނަ “އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް” ހަވާސާގައި ކުރިއަށް ގެންދިޔަ “ސްމާޓް މޯލްޑިވްސް ޖާނީ ޓުވާޑްސް އަ ޑިޖިޓަލް އިންކްލޫސިވް ކޮމިއުނިޓީ” ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް އިގުތިސޯދު ޑައިވާސިފައި ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން މޫސުމީ ބަދަލާއި ދަރަނީގެ ނިސްބަތް ބޮޑުވުމަކީ ގޮންޖެހުން ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް އެންމެ ބޭނުންވާ ގޮތުގައި ހިދުމަތް ނުދެވޭ ކަމަށެވެ.
އަދު ޑިޖިޓަލް ދުނިޔެއެއްގައި އުޅެމުންދާއިރު، ތަރައްޤީ ހާސިލުކުރުމަށް ހުރި ހުރަސްތައް ނައްތާލަން ސިޑްސްގެ ޤައުމުތަކަށް ޓެކްނޮލޮޖީއަކީ ވަރަށް ބޭނުންތެރި އެއްޗެއްކަމަށާއި އެގޮތުން ޓެކްނޮލޮޖީއާއި އައު އީޖާދުތައް ބޭނުންކޮށްގެން ތަރައްޤީ ހާސިލުކުރަން އެޅިފައި ހުރި ހުރަސްތައް ނައްތާލައި، ކުރިއެެރުމާއި ފާގަތިކަން ހާސިލުކުރެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެގޮތުން ރާއްޖެއަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ކާމިޔާބު މިސާލެއްކަން އުފަލާއެކު ފާހަގަކުރާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް އޮތް ސައިބަރ ސެކިއުރިޓީއާ ގުޅޭ މައްސަލަތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިންޓަނެޓް ބޭނުންކޮށްގެން ޤާނޫނާއި ގަވާއިދާއި ހިލާފަށް ހިންގާ ހަރަކާތްތަކަކީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައި އޮތް ނުރައްކަލެއްކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން ހަރުދަނާ ސައިބަރ ސެކިއުރިޓީ އިންފްރާސްޓްރަކްޗަރތައް ޤާއިމްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ނެޝަނަލް ސެންޓަރ ފޮރ އިިންފޮރމޭޝަން ޓެކްނޮލޮޖީގެ ދައުރު ފުޅާކޮށް، ނެޝަނަލް ޓެކްނޮލޮޖީ ގަވަރނަންސް ހަރުދަނާކުރަންޖެހޭ ވަށާޖެހޭ ހައްލުތަކެއް ހޯއްދަވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ، އަދި މީގެއިތުރުން ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއެއް ޤާއިމްކޮށް، ސައިބަރ ސެކިއުރިޓީއާ ގުޅޭ ޤާނޫނުތައް އެކުލަވާލުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަނެއްގެ ތެރެއިން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދިވެސް އެބަހުރިކަމަަށާއި، ނަމަވެސް މިއީ އެއްވެސް ބަޔަކަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫންކަމަށެވެ. އެހެންކަމުން މި މަސައްކަތުގައި ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީތެރިކަމާއި ޕްރައިވެޓް ސެކްޓަރުގެ އިންވެސްޓްމަންޓްތައް މުހިއްމުކަމަށެވެ.
މި ދާއިރާއިން ރާއްޖެއިން އެހީތެރިކަން ހޯދަން ބޭނުންވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އައު އީޖާދުތަކާއި ޓެކްނޮލޮޖީއަށް އިންވެސްޓްކުރުން އިތުރުކުރުމާއި، ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމުގައި ފަންނީ މާހިރުންގެ އެހީތެރިކަމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތައް ކަނޑައެޅުމުގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނުމަށް ގޮވާލައްވާކަމަށެވެ.