ސިހުރު އުގެނުމަކީ ކާފިރުވާނެ އަމަލެއްކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.
"ސިހުުރުގެ ނުބައިކަން" މިމައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ޚުޡުބާގައި ވިދާޅުވީ ސިހުރަކީ ކާފިރުވާފަދަ ބޮޑު ފާފައެއް ކަމަށާއި، އެއީ ދެ ދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާނެ އަމަލެއް ކަމުގައެވެ. އަދި މުސީބާތްތަކުން މިންޖުވުމަށާއި ބޭނުންވާ ކަންކަމުގައި އިޚްލާސްތެރިކަމާއެކު މާތް ﷲގެ ހަޒުރަތުގައި ދުއާދެއްނެވުމަށް ޚުޡުބާގައި އިރުޝާދު ދީފައި ވެއެވެ.
ހުކުރު ހުތުބާގައި ބުނީ ސިހުރަކީ އާއިލާތައް ރޫޅާލައި، ދަރިން ބިކަކޮށްލަައި، ބޮޑެތި ބަލިތަކާ ކުރިމަތި ލާން ޖައްސާ ބިރުވެރި ހަގީގަތެއް ކަމަށެވެ.
އެތައް ބައެއްގެ ހަޔާތް ބަރުބާދުކޮށްލާފާއި ކަމަށާއި ގިނަ ޒުވާނުންގެ ޙަޔާތް ވިއްސިވިހާލިކޮށްލާފައިވާ މި ސުންޕާ ޢަމަލުގެ ސަބަބުން އެތަކެއް ބަޔަކު ބަލިވެ، އެތައްބަޔަކު ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ. އަދި ޢަދާވާތްތެރިކަމާއި، ނަފުރަތު އުފެދި، މުޅި ޢުމުރަށް ވަކިވެ އެތައް އާއިލާއެއް ފަނާވެ ގޮސްފައިވާ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.
ސިހުރުގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ގެއްލި އެތައްބަޔަކު ދުނިޔޭއިން މޮޔަވެފައިވާކަން ފާހަގަކޮށް، މިސިޙުރަކީ ބޮޑު ވެގެންވާ ފާފައެއް ކަމަށާއި މިއީ ދެދުނިޔޭގައި ވެސް އޭގެ އޭގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ކަން މިހެން އޮތުމާއެކު މި ނުރައްކާތެރި ވަބާއިން ސަލާމަތް ވުމަށް ސިހުރުވެރިންނާއި ދުރުވުމަށާއި ރައްކާތެރިވުމަށް ޙުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.
ހަމައެހެންމެ ސިޙުރު އުނގެނުމަކީ، ކާފިރުވާނެ ޢަމަލެއްކަމަށާއި، އެހެންކަމުން މި ކުފުރުގެ ޢަމަލުކޮށްއުޅޭ މީހުން، ތައުބާވެ، މާތް ﷲ ގެ މަގަށް އެނބުރި ރުޖޫޢަވުމަށެވެ.
ހުތުބާގައި ބުނީ، لَبِيْدُ بْنُ الْأَعْصَم ނަމަކަށް ކިޔާ ޔަހޫދީއަކު، ކީރިތި ރަސޫލާގެ އިސްތަށިފުޅުން މިންވަރެއް ހޯދައިގެން އެކަލޭގެފާނަށް ސިހުރު ހެދި ކަމަށެވެ. އަދި ކީރިތި ރަސޫލާއަށް سُوْرَةُ الْفَلَقِ އާއި سُوْرَةُ النَّاسِ ބާވައިލެއްވީ އެ ހާދިސާއާ ގުޅިގެން ކަމަށެވެ.
ސިޙުރަކީ ޙަޤީޤަތެއް ކަމަށާއި، އެކަންކުރާ މީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ ކެހިވެރިކަން ދައްކާލާކަމށާއި މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރުވާ ކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ސިހުރު ހެދުމަށްޓަކައި މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި، ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރާކަމަށެވެ.
ހުތުބާގައި ވަނީ ސިހުރާއި ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފަ އެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ ފަރްޟު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށާއި ދެވަނަ ކަމަކީ ޝައިތާނާގެ ކިބައިން ރައްކާތެރިވުމަށް މާތް الله ގެ ހަޒުރަތުގައި ދުއާ ދެންނެވުން ކަމަށް ބުންޏެވެ. ތިންވަނަ ކަމަކީ ޖިންނި ޝައިތާނުންގެ ކިބައިން ރައްކާތެރިވުމަށް ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ދުއާތައް ކިޔެވުމާއި އެ ކަލޭގެފާނުގެ އަރިހުން ވާރިދުވެފައިވާ ގޮތަށް އަމަލުކުރުން ކަމަށްވެސް ބުންޏެވެ.