ކޮވިޑް-19 ޖެހިގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާއަށް އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑުވި ނަމަ ހާދިސާ ހިންގުން ނާދިރު ކަމަށް ބުނެ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އެތައް އިހުމާލުތަކެއް ހެލްތު މިނިސްޓްރީން އާންމުކޮށްފި އެވެ.
މިޝްކާގެ މަރާއި ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ވަނީ ތަފްސީލީ ރިޕޯޓެއް ނެރެފަ އެވެ. އެރިޕޯޓުގައި ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި މިއީ އިމަޖެންސީ ހާލަތެއްކަން ކޯލް ސެންޓަރުންނާއި، އެޗްއީއޯސީގައި މަސައްކަތް ކުރަމުންދާ މެޑިކަލް ރެސްޕޮންސް ޓީމު (ޑީއެމްއާރުޓީ) އިން ބެލިފައި ނެތުމުން ފަރުވާއަށް ދިއުމަށާއި އަދި ފަރުވާ ފޯރުކޮށްދިނުމުގައި އެކަށީގެންނުވާ ލަސްތަކެއް ވެފައިވާކަމަށެވެ. އަދި މިކަމާއި ގުޅިގެން ލިބިފައިވާ ކޯލް ލޮގްތަކަށް ބަލާއިރު ކުއްޖާގެ ހާލަތު ސީރިއަސް ކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރުން ދެނެގަނެވިފައި ނުވާކަމަށާއި ޑީއެމްއާރު ޑޮކްޓަރަށް އެ ކޭސްއަކީ އާޖެންޓް ކޭސްއެއްކަން ދެނެގަނެވިފައި ނުވާތީ، އެމްބިއުލާންސް ޓްރިގާ ކުރުމަށް މަސައްކަތް ކޮށްފައި ނުވާކަމަށްވެސް ބުންޏެވެ.
އަދި ސިއްހީ ހިދުމަތް ދޭ ފަރާތެއްގެ ހައިސިއްޔަތުން ސިއްހީ ހިދުމަތް ބޭނުންވާ ފަރާތްތަކަށް އެހިދުމަތް ފޯރުކޮށްދިނުމުގެ ޒިންމާ ޑީއެމްއާރްޓީގެ ޑޮކްޓަރު އަދާކޮށްފައި ނުވާތީ ޑޮކްޓަރުގެ އިހުމާލުވެސް ވަނީ ފާހަގަކޮށްފަ އެވެ.
އިތުރަށް ރިޕޯޓުގައި ބުނީ އެޗްއީއޯސީން އެންމެ ފުރަތަމަ ކުއްޖާގެ މައުލޫމާތު ނަގަން ގުޅިއިރު ބެލެނިވެރިޔާ ކޮންސަލްޓޭޝަންއަކަށް އެދިފައިވީނަމަވެސް އެތަނުގައި ބޭނުންކުރާ "އައުޓް ބްރޭކް" ސިސްޓަމަށް ކުއްޖާގެ މައުލޫމާތު އެޅިއިރު ކޮންސަލްޓޭޝަންއެއް ބޭނުންކަން ފާހަގަކޮށްފައި ނުވާކަމާއި ބެލެނިވެރިޔާއަށް ގުޅިއިރު އެއްވެސް ވަރަކަށް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަން ފާހަގަކޮށްފައި ނުވާކަމަށެވެ.
މިޝްކާގެ ހާލަތު ގޯސްވެގެން އާއިލާއިން ގުޅަންފެށީ މެންދުރު ފަހު 14:00 ހާއިރު އެވެ. މިނިސްޓްރީން ބުނީ ޑީީއެމްއާރުޓީން 15:53 ގައި އެކުއްޖާއަށް އޮންލައިން ކޮންސަލްޓޭޝަން ހެދިއިރު ކުއްޖާގެ ހާލަތާއި ދެވިފައިވާ ފަރުވާއަށް ބަލައި އެފަދަ ހާލަތެއްގައި ފިޒިކަލް އެސެސްމެންޓެއް ހެދުމަށް ލަފާ ދޭން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.
ރޭގަނޑު ކުއްޖާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ އެކަން ތަކުރާރުކޮށް އާއިލާއިން އެޗްއީއޯސީއަށް އެންގި އެވެ. ރިޕޯޓުގައި ބުނީ ސީމެޓަށް ކުއްޖާގެ މައުލޫމާތު ފޮނުވީ 22:39 ގައި ކަމަށެވެ. އެހެންނަމަވެސް އެ މެސެޖުގައިވެސް އިމަޖެންސީއެއްކަން އަންގާފައި ނުވާކަމަށް ރިޕޯޓުގައި ބުންޏެވެ.
އޭގެ ފަހުން އެމްބިއުލާންސް ނައިސް ލަސްވެގެން ކޯލް ސެންޓަރަށް ބެލެނިވެރިން ގުޅީ 23:16 ގަ އެވެ. އެހެންނަމަވެސް އެމްބިއުލާންސް ފޮނުވަން ހަމަޖައްސާފައިވޭތޯ ވެސް ކޯލް ސެންޓަރުން ޖަވާބު ދިން ކުއްޖާ ބަލާފައެއް ނުވެ އެވެ. މިއާއެކު އިމަޖެންސީއެއްގެ ގޮތުގައި އާއިލާއިން ރިޕޯޓު ކުރި ފަހުން 2 ގަޑިއިރާއި 26 މިނެޓު ހޭދަވަގެން ދިޔައިރުވެސް އެމްބިއުލާންސް ފޮނުވާފައި ނުވާކަމަށް ރިޕޯޓުގައި ބުންޏެވެ.
އާންމުކޮށް އިމަޖެންސީ ހާލަތްތަކުގައި އަންގަންޖެހޭ ކްލަސްޓާތަކަށް މިޝްކާގެ ކޭސްގައި ރިޕޯޓުކޮށްފައި ނުވާކަން ހެލްތު މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. އަދި ބުނެފައިވަނީ އެމްބިއުލާންސްއަށް އެންގި ހިސާބުން 10 މިނެޓު ތެރޭގައި ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިކަމަށެވެ.
މީގެ ކުރިން ހެލްތު މިނިސްޓްރީން ނެރުނު ރިޕޯޓުގައި ވަނީ މިޝްކާއަށް އެމްބިއުލާންސް ތެރޭގައި ފަރުވާ ދޭން ފެށިކަމަށް ބުނެފަ އެވެ. އެހެންނަމަވެސް މިއަދު ނެރުނު ރިޕޯޓުގައި އެމައުލޫމާތު ވަނީ އުނިކޮށްފަ އެވެ.
މިޝްކާގެ މައްސަލައާއި ގުޅިގެން އެޗްއީއޯސީގެ މުވައްޒަފުންގެ އިހުމާލުތަކެއްވެސް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެޗްއީއޯސީގެ އެތެރޭގައި އުސޫލުތަކުގެ މައްސަލަތަކެއް ހުރިކަމާއި ސިސްޓަމްތަކަށް ދިމާވާ މައްސަލަތަކާއި އިންޓަނެޓު ކަނެކްޝަންގައިވެސް މައްސަލަތަކެއް ހުރިކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ހަމައެއާއެކު ސައްހަ މައުލޫމާތު ނުލިބި ކޯލް ސެންޓަރުން ފޯނު ކޯލްތަކަށް ޖަވާބު ދީފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.
އިމަޖެންސީއަށް ވަކި ނަމްބަރެއް ކަނޑައަޅާފައިވާއިރުވެސް އެމަޖެއްސީ ހާލަތުގައި އަމަލުކުރަންޖެހޭ ގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ. އަދި ކޯލް ސެންޓަރުގެ ކޯލްތަކުގައި މާގިނައިރު މަޑޫކުރަން ޖެހުމާއި ތަކުރާރުކޮށް އެއް މައުލޫމާތެއް ހޯދަން ގުޅާތީ ހިދުމަތް ދިނުމުގައި ލަސްތަކެއް އައިސްފައިވާން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުންވެސް އެތައް ކަމެއް މިނިސްޓްރީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ރިޕޯޓު ނިންމައިލަމުން ހެލްތު މިިނިސްޓްރީން ބުނީ އެޗްއީއޯސީން ފޯރުކޮށްދޭންޖެހޭ ގިނަ ހިދުމަތްތަކެއްގައި ލަސްތަކެއް އައުމުގެ އިތުރުން ޑޮކްޓަރުގެ އިހުމާލުވެސް ފާހަގަކުރެވިފައިވާކަމަށެވެ. މިނިސްޓްރީން ބުނީ އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑުވެފައިވާނަމަ މިޝްކާގެ ހާދިސާ ހިނގުމަކީ ނާދިރު ކަމެއްކަމަށެވެ. އެހެންކަމުން އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ރިވިއުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ބުންޏެވެ
މިޝްކާގެ ހާދިސާއާއި ގުޅިގެން ފާހަގަކުރެވުނު ކަންންކަމަކީ ފެށުނީއްސުރެއްވެސް ހުރި ކަންކަން ކަމަށާއި އެހެންނަމަވެސް މިހާތަަނަށް އެމައްސަލަތައް ފެންމަތިނުވެ އޮތީކަމަށް މިނިސްޓްރީން ބުންޏެވެ.