މާލޭގައި ދިރިއުޅޭ އިސްރަށްވެހިންތަކެއް އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ހުރަވީއަށް ޒިޔާރަތްކޮށްފިއެވެ.
މިއީ މާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިން ބުނީ ޒިޔާރަތުގައި 32 ފަރާތަކުން ބައިވެރިވި ކަމަށާއި މިއީ އެފަރާތްތަކަށް މުޅިން އާ މާހައުލެއްގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.
އެމްއެންޑީއެފްގެ މާލެ އޭރިއާ ކޮމާންޑާއި އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ހުރަވީއާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތަކީ މީގެކުރިން އިސްރަށްވެހިންނާއެކު ކުރިއަށްގެންދެވިފައިވާ ހަރަކާތްތަކާ ވަރަށް ތަފާތު ހަރަކާތެކެވެ.
މި ޒިޔާރަތުގައި އިސްރަށްވެހިންނަށް ކޯސްޓްގާޑުގެ ތާރީޚާއި ކޯސްޓްގާޑް ޝިޕް ހުރަވީއާގުޅޭ މުހިންމު މަޢުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށާއި މި މަނަވަރުގައި ބޭނުންކުރާ އެކިކަހަލަ އާލާތްތައް ބައިވެރިންނަށް ދައްކާލައި، އެއާގުޅޭ ހިއްސާ ކޮށްފައިވާ ކަމަށް ވުޒާރާ އިން ބުންޏެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އިސްރަށްވެހިންގެ ނާދީގެ ފަރާތުން މިފަދަ ގިނަ ހަރަކާތްތަކެއް ރާވާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާ އިން ބުންޏެވެ.
އިސްރަށްވެހިންނަކީ މުޖުތަމަޢުގައި އެމީހުންގެ ބައިވެރިވުން ހިމެނޭ، އެބައެއްގެ ޚިދުމަތްތަކުގެ އަގުވަޒަންކުރެވޭ، އަދި މުޖުތަމަޢުގެ އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބޭ ބަޔަކަށް ހެދުމަށް މިފަދަ ކޮންމެ ހަރަކާތަކުން މަގުކޮށިގެންދާނެ ކަމަށް ވެސް ވުޒާރާ އިން ބުންޏެވެ.
އިސްރަށްވެހިންގެ ނާދީއަކީ އުމުރުން 55 އަހަރުން މަތީ ބޭފުޅުންގެ އިޖްތިމާއީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްގީކޮށް އެފަރާތްތަކަށް ހިތްހަމަޖެހިލައިގެން ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަރުމާކޮށް ތައްޔާރުކުރެވިފައިވާ ތެނެކެވެ.