ދިވެހި ރާއްޖެއާއި ލަންކާއާއި ދެމެދު ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހާ އާއިއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ލަންކާގެ ރައީސް ރަނިލްއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އެ ބައްދަލުކުރެއްވުމުގެ ތެރެއިން ލަންކާއާއި ރާއްޖޭގެ ކުރިއެރުމަށް ކޮށްދެއްްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ޒަމީރު ލަންކާއަށް ކުރެއްވި މި ދަތުރުފުޅަކީ ލަންކާގެ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކްގެ ޚާރިޖީ ވަޒީރު އެމްޔޫއެމް އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.