އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެގައުމުގެ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ގައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.
ހުވާކުރުމުގެ މި ރަސްމިއްޔާތަށްފަހު ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އަދި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ބައިވެރިވެވަޑައިގެންނެވިއެވެ.
އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވީ އެ ގައުމުގެ ބޮޑުވަޒީރުގެ ދައުވަތަކަށެވެ.