މިދިޔަ އަހަރު އެސްޓިއޯ އަަށް ޖުމްލަ ފައިދާގެ ގޮތުގައި 3 ބިލިއަން ރުފިޔާ ލިބިފައިވާކަމަށާއި 2023 ވަނަ އަހަރަކީ އެ ކުންފުންޏަށް ރެކޯޑް އަދަދަަކަށް ފައިދާ ލިބިފައިވާ އަހަރެއް ކަމުގައި އެސްޓިއޯ އިން ބުނެފިއެވެ.
އެސްޓީއޯއިން މިއަދު ހާމަކުރި އެކުންފުނީގެ އަހަރީ ރިޕޯޓުގައި ވާގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 818 މިލިއަން ރުފިޔާ ލިބިފައެވެ.
އަދި ޖުމުލަ ފައިދާގެ ގޮތުގައި 3 ބިލިއަން ރުފިޔާ ލިބިފައިވާ އިރު މިއީ ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުންޏަށް ލިބުނު ރެކޯޑް މިންވަރުގެ ސާފު ފައިދާއެކެވެ.
އެސްޓީއޯގެ މިދިޔަ އަހަރު މާލީ ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2022 ވަނަ އަހަރާއި އަޅާބަލާއިރު 10 ޕަސެންޓްގެ ދައްވުމެމެކެވެ.
އެސްޓިއޯއިން ބުނީ ދައްވުމެއް އައުމަށް ދިމާވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދައްވުމާއެކު އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގުވެސް ދައްކުރުމުން ކަމަށެވެ. އެހެންނަމަވެސް ފާއިތުވި އަހަރު އެ ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް އެސްޓިއޯއިން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަގަޅުވެފައިވާކަން ފާހަގަކޮށް އެސްޓިއޯ އިން ބުނީ 2023 ވަނަ އަހަރު އެކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު ހިންގުމުގެ ފައިދާވެސް އިތުރުވެފައިވާކަމަށެވެ.
އެ ގޮތުން 2023 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު 2022 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1 ބިލިއަން ރުފިޔާކަމަށް އެސްޓިއޯ އިން ވަނީ ބުނެފައެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު 2023 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވާއިރު އެސްޓިއޯ އިން ބުނީ މިއީ އެސްޓީއޯގެ ތާރީހުގައިވެސް ރެކޯޑް އަދަދެެއް ކަމަށެވެ.
މީގެ އިތުރުން އެސްޓިއޯ އިން ބުނީ 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 728 މިލިއަން ރުފިޔާކަމަށާއި މިއީ 12 ޕަސެންޓު ގެ ކުރިއެރުމެއް ކަމަށެވެ.
އަދި މީގެ މައިގަނޑު ސަބަބަކީވެސް ހަމަ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާކުރެވި، ޖުމްލަ ފައިދާ އިތުރުކުރެވިފައިވުންކަމުގައި އެސްޓިއޯ އިން ވަނީ ބުނެފައެވެ.
އިތުރަށް އެސްޓިއޯ އިން ބުނީ އެ ކުންފުނީގެ ފައިދާ ރަނގަޅު ކުރެވުމާ އެކު އެސްޓީއޯ ގްރޫޕްގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމާއިއެކު އެސްޓީއޯ ގްރޫޕްގެ ފައިދާވެސް އިތުރުވެ، 1.1 ބިލިއަނަށް އަރާފައިވާކަމަށާއި މިއީވެސް ރެކޯޑް އަދަދެއްކަމުގައެވެ.