ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒު އަލީ ސަލީމް ހައްޔަރުކޮށްފި އެވެ.
ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި މިމަހުގެ 23 ވަނަ ދުވަހު ޝަމްނާޒްއާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ޔަގީންކޮށްދިން ނަމަވެސް ތަހުގީގު ކުރާ މައްސަލައާއި ގުޅޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ މެޖިސްޓްރޭޓު ކޯޓަށް ހާޒިރުކޮށް ޝަމްނާޒު 7 ދުވަހަށް ބަންދު ކުރަން ވަނީ ކޯޓުން އަމުރުކޮށްފަ އެވެ.
ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އާދަމް ރަމީޒުއާއި ޝަމްނާޒު ވަރިވީ މިހިނގާ ޖޫން މަހުކަމަށް މައުލޫމާތު ލިބެ އެވެ.
ޝަމްނާޒު ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައި ވެއެވެ. އަދި އެގެއިން ބައެއް ސާމާނު ފުލުހުންނަށް ފެނުނުކަމަށްވެސް ވަނީ އެނގިފަ އެވެ.