ސްޓެލްކޯއިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ސްޓެލްކޯއިން ބުނީ މުޖުތަމައުގައި ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ހިއްސާވުމުގެ ގޮތުން, މޯލްޑިވިއަން ބްލަޑް ސާރވިސަސްއާއި ގުޅިގެން އެ ކުންފުނިން މިއަދު ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މުޅި މުޖުތަމައުގެ ލާބައާއި މަންފާއަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ކުންފުނީގެ މެނޭޖުމަންޓުން ވަރަށް ޚާއްސަ އިސްކަމެއްދީގެން ހިންގާ ހަރަކާތްތަކެއް ކަމަށާއި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތަށް މުވައްޒަފުންގެ ފަރާތުން ވަރަށް ރަނގަޅު އެއްބާރުލުމަކާއި ތަރުހީބެއް ލިބިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
''މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި މިކުންފުނީގެ މުވައްޒަފުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ފަހުރުވެރިކަމާއިއެކު ޝުކުރުދަންނަވަން.'' ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން ނޫހަކަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންނަކީ ދޭތެރެދޭތެރެެއިން ހޮސްޕިޓަލުތަކާއި ބްލަޑް ބޭންކްތަކަށް ލޭ ހަދިޔާކުރަމުންދާ ބައެއް ކަމަށެވެ. އަދި މިއީ ފުދޭ ވަރެއްގެ ތަރުހީބެއް ކުންފުނިތެރޭގައި އޮންނަ ކަމަކަށްވާތީ ކޮންމެ އަހަރަކު ވެސް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
+1
+1
+1
+1
+1
+1