ހަރަދު ކުޑަ ކުރުމަށް މިނިވަން ދުވަހުގެ ގިނަ ހަރަކާތްތައް ނުބާއްވަން ރައީސް ނިންމައިފިއެވެ.
މިކަން ހާމަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސް ގައި ޕޯސްޓްއެއް ކުރައްވާފައިވެއެވެ. މި ޕޯސްޓްގައި ރައީސް ވިދާޅުވީ ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވާ ކަމަށާއި އޭގެތެރޭގައި ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ.
އޭގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށާއި އެގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައި ވާ ކަމަށް ވެސް ރައީސް ގެ ޕޯސްޓްގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އޭގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ ކަމަށެވެ.