ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ނަފުރަތު ހުއްޓުވުމުގެ ބިލަށް އިސްލާމިކް މިނިސްޓްރީން ހުށަހެޅި އިސްލާހުތައް އާންމު ކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފި އެވެ.
ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ މި ބިލު މިހާރު ކޮމިޓީ މަރުހަލާގައި އޮތް އިރު ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީގެ އިތުރުން އެޗްއާރުސީއެމް އާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ލަފައަކަށް އެދިފަ އެވެ. މިތިން މުއައްސަސާއަށް ޖަވާބުދާރީވާން ދިނީ މިއަދު 12 ޖެހުމާއި ހަމައަށެވެ.
ތިން މުއައްސަސާއިން ޖަވާބުދާރީ ވިކަމެއް އަދި ހުށަހެޅީ ކޮން އިސްލާހެއް ކަމެއް އަދި ނޭނގެ އެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެ ބިލާއިމެދު ކަންބޮޑުވުންތަކެއް ހުރިކަން މީގެ ކުރިން ފާހަގަކޮށްފަ އެވެ. އަދި ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހަށް ހުށަހަޅާނެ ކަަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އެ ބިލަށް އާންމުންގެ ހިޔާލު ހޯދަށްވެސް މަޖިލީހުން ވަނީ ހުޅުވާލައިފަ އެވެ. މުއްދަތު ދިނީ މާދަމާ މެންދުރު 12 ޖެހުމާއި ހަމައަށެވެ.
މުސްލިމެއްގެ ގޮތުގައި ހުރެ މީހަކު ބުނާ އެއްޗެއްގެ ސަބަބުން އެމީހަކީ ލާދީނީ މީހެއް ކަމަށް ބުނުމާއި އެފަދައިން ދޭހަވާފަދަ ބަހެއް ބުނެ އާންމު ތަނެއްގައި ނަފުރަތު ފެތުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ހިސާންގެ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
މި އިސްލާހާއި ދެކޮޅަށް 101 އިލްމުވެރިޔަކު ސޮއިކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިޔުމުން ދަންނަވާފައިވާއިރު އިލްމުވެރިންގެ އެންމެ ބޮޑު ކަންބޮވުމަކީ މި ބިލުގެ ސަބަބުން ދީނާއި ހިލާފު ވާހަކަ ދައްކާ މީހުންނާއިމެދު އިލްމުވެރިންނަށް ބަސް ބުނުމަށް ހުރަސްއެޅޭނެ ކަމުގެ ކަންބޮޑުވުމެވެ.
އިއްޔެ ރައީސް ސޯލިހާއި އަދާލަތު ޕާޓީން ވަނީ ބައްދަލުކޮށްފަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެ ޕާޓީން ވަނީ ނަފުރަތުގެ ބިލާއިމެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެ ޕާޓީން ބުނީ ނަފުރަތުގެ ބިލު ގާނޫނަކަށް ވެގެން އަންނައިރު އިލްމުވެރިންނާއި ރައްޔިތުންގެވެސް ހުރި ކަންބޮޑުވުންތައް އިސްލާހު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އެރުވި ކަމަށެވެ.