ގއ. ވިލިނގިލީގައި އަންހެނަކަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 32 އަހަރުގެ ފިރިހެން މީހާގެ ބަންދަށް އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް ޖަހައިފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އެ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ރޭގެ ވަގުތެއްގައި ހާޒިރު ކުރުމުން އޭނާގެ ބަންދަށް ކޯޓުން ހަތް ދުވަސް ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހައި މާރާމާރީ ހިންގި ކަމަށް ބުނާ މިމައްސަލަ ރިޕޯޓްކޮށްފައިވަނީ މި މަހު 29 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
މި ހަމަލާއާއި ގުޅިގެން އަނިޔާވެފައިވަނީ 46 އަހަރުގެ އަންހެނަކަށެވެ.
އަނިޔާ ލިބުނު މީހާއަށް ގއ. ވިލިނގިލި ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.