އެސްޓީއޯ މެޑިކަލް ސާވިސަސް އިން ރާއްޖެއަށް ދެކުނު ކޮރެއާގެ މަޝްހޫރު އެސްޑީ ބަޔޯސެންސާ ލެބް އިކުއިޕްމެންޓް ތައާރަފުކޮށްފި އެވެ.
ރޭ ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ހަފުލާއެއްގައި އެ އާލާތްތައް ތައާރަފު ކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ޝިރްނާ އެވެ.
ހެލްތް މިނިސްޓްރީ، އެޗްޕީއޭ، އަދި އެހެނިހެން މައި ސިއްހީ އިދާރާތަކުންނާއި ހޮސްޕިޓަލް އަދި ކްލިނިކްސްތަކުން ހާޒިރުވި އެ ހަފުލާގައި އަލަށް ތައާރަފުކުރި ވަސީލަތްތައް ދައްކާލައި ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދީފައިވެ އެވެ.
ރާއްޖެއަށް އަލަށް ތައާރަފުކުރި ލެބް އާލާތްތަކުގެ ތެރޭގައި ހިމެނެނީ: އެފް-200 އަދި އެފް-2400 އަދި އެމް 10 މެޝިނެވެ.
އެފް-200 އަދި އެފް-2400 އިން ހެދޭ ބައެއް ޓެސްޓުތަކުގެ ތެރޭގައި:
- ތައިރޮއިޑް ޕްރޮފައިލް
- ހިތުގެ ބަލި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓުތައް
- ޑެންގޫ
- ގޮހޮރުގެ ބަލިތަކަށް ބޭނުންވާ ޓެސްޓުތައް
- ވިޓަމިން ޑީ
- ބީޓާ އެޗްޗީޖީ
- އިންފްލެމޭޝަން މާކާސް
އެމް 10 މެޝިނުން ދޭ ބައެއް ޓެސްޓުތައް:
- ޑެންގޫ
- ޓީބީ
- ފުއްޕާމޭގެ ބަލިތަކާ ގުޅޭ ޓެސްޓުތައް
- އެސްޓީއައި
- އެޗްޕީވީ
އެސްޓީއޯ އިން ބުނީ، ރާއްޖެއަށް އަލަށް ތައާރަފު ކުރި އާލާތްތަކުން ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އެފް ކެއާ ޓެސްޓުތައް ހެދޭނެ ކަމަށެވެ. އަދި އެ އާލާތްތަކަކީ ބޮޑެތި ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތަކުން ފެށިގެން ކްލިނިކްތަކާއި ހަމައަށް ވަރަށް ބޭނުންތެރި، ފަސޭހަ، އަވަސް އަދި އިތުބާރު ކުރެވޭނެ ނަތީޖާ ނެރެދޭނެ އާލާތްތަކެއް ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން އަލަށް ތައާރަފް ކުރި އާލާތްތަކުން ހެދޭ ގިނަ ޓެސްޓުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ޕްރީކޮލި ކޮށްފައިވާ ޓެސްޓުތަކެއް ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޑީ ބަޔޯސެންސާ ޑައިގްނޯސްޓިކް ވަސީލަތްތައް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޔެކެވެ. އެގޮތުން އެ ކުންފުނީގެ ޑައިގްނޯސްޓިކް ވަސީލަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ދާއިރާގައި ބޭނުން ކުރާ ކޮލިޓީ ރަނގަޅު އިތުބާރު ހިފޭ މޮޅު އުފެއްދުންތަކެކެވެ.