މާލޭގައި ބުޅާތައް ރަޖިސްޓަރ ކުރުމާއި ފްލީ ޓްރީޓްމަންޓް ދޭން ފަށައިފިއެވެ.
މިއީ ފީލައިން ވެލްފެއަރ އޯގަނައިޒޭޝަން އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އިއްޔެ މި ހަރަކާތް ފެށީ މޭރީ ބްރައުން ސަރަހައްދުގައެވެ. މި ހަރަކާތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ މިއަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާއެއް ފޯރުކޮށްދީ އެ ބުޅާތަކަށް ދޭންޖެހޭ ފަރުވާ ދިނުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާ ކަމަށް ވަޒީރު މީގެ ކުރިން ވިދާޅުވެފައި ވެއެވެ.
"މިވަގުތު ބައުންޑްރީ ވޯލްގެ ތެރޭގައި ޝެލްޓާ އެޅުމަށް ނިންމާފައިވާ ތަން ނޫން އެހެން ތަނެއްގައި އަޅުގަނޑުމެން ހިޔާކޮށްގެން ޕާޓިޝަންތަކެއް ޖަހައިގެން މަގުމަތީގައި މިއުޅޭ ބުޅާތައް ބެޗް ބެޗަށް ގެންދިޔުމުގެ މަސައްކަތް މިކުރަނީ." ރަމީލާ ވިދާޅުވިއެވެ.
ފަރުކޮޅު ފުށީގައި ބުޅަލަށް ހާއްސަ ޝެލްޓާއެއް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މަސައްކަތުގެ %70 ވަނީ ނިމިފައެވެ.
އެތަން ނިމޭއިރު ބުޅާތަކަށް ހާއްސަ ހޮޓަލަކާއި ޕާކެއްގެ އިތުރުން ފިހާރައެއް ހުންނާނެއެވެ. އަދި މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް އެ ތަނަށް ބަދަލުކޮށް، ފަރުވާ ދެވޭނެ އިންތިޒާމު ވެސް ހުންނާނެއެވެ.
މާލޭގެ މަގުތަކުގައި ބުޅާތައް ގިނަވުމަކީ މާލޭގެ ރައްޔިތުން ކަންބޮޑުވާ ކަމެކެވެ. މިކަމަށް ހައްލު ހޯދުމަށް ޕެޓް ކެއާ ފެސިލިޓީއެއް ގާއިމު ކުރުމާ ގުޅޭ ގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީން ސޯޝަލް ކައުންސިލަށް ހުށަހެޅުމުން އެ މަސައްކަތް މިހާރު ވަނީ ސިޓީ ކައުންސިލާއި ހަވާލުކޮށްފައެވެ. އެ މަސައްކަތް ކުރިޔަށް ދާނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.