ރާއްޖެއާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމަށް ރާއްޖެއިން އިންޑިއާއަށް ހުށަހަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައިޝަންކަރއާއެކު ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޕްރެސް ބްރީފިންގައި ވާހަކަ ދައްކަވަމުންނެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައިޝަންކަރ އާއި އެމަނިކުފާނުގެ ވަފުދު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.
ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމިރު އާއި އިންޑިއާގެ ބޭރު ވަޒީރު ޑރ. ޖައިޝަންކަރ އާ ދެމެދު ބޭއްވުނު މަޝްވަރާތަކުގައި އިޤްތިޞާދީ، ވިޔަފާރި، އިންވެސްޓްމަންޓް، ތަޢުލީމު، ޞިއްޙަތު، ޓޫރިޒަމް، ޒުވާނުންނާއި ކުޅިވަރު އަދި ދިފާޢީ ދާއިރާތަކުގައި އިތުރު އެއްބާރުލުން ދިނުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުވުމުގައި، ރާއްޖެއާއި އިންޑިއާ އާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހުށަހެޅުން ފޯރުކޮށްދެވުނެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ސަލާމަތީ އަދި ދިފާޢީ ދާއިރާތަކުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެވުނެވެ.
ދަތުރުފުޅުގެ ތެރޭގައި، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ޕްރޮޖެކްޓް ސައިޓަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާގެ އެހީގައި 28 ރަށެއްގައި ހިންގާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ރަސްމީކޮށް ހަވާލުކުރެވޭނެ ކަމަށް އިޢުލާނު ކުރެވުނެވެ.
ވަޒީރު ޖައިޝަންކަރ އައްޑޫ ސިޓީއަށް ވެސް ދަތުރުފުޅެއް ކުރައްވައި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އަދި ހިތަދޫއާއި މަރަދޫ ގުޅާލާ 4 ލޭނުގެ މަގު ރަސްމީކޮށް ހުޅުވައިދެއްވުމަށް ހަމަޖެހިފައިވެއެވެ.
މި ދަތުރުފުޅުގައި، އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްތައް އައު ކޮށްދެއްވި ކަމަށްވެސް ހާމަކުރެވުނެވެ. މި އެހީތެރިކަމަކީ ރާއްޖޭގެ ބަޖެޓު އަދި މާލީ ގޮންޖެހުންތަކަށް ލުޔެއް ގެނެސްދޭނެ ކަމެއް ކަމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ ޚާރިޖީ ވަޒީރުވަނީ، އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.