ބަހްރެއިންގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން ރަޝީދު އަލް ޒައާނީގެ ދައުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ޕްރެސް ރިލީޒެއްގައި ބުނީ އެ ދަތުރުގައި ބަހްރެއިންގެ ފޮރިން މިނިސްޓަރާއެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ޒަމީރު ކުރާނެ ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ގުޅުން މުރާޖާކޮށް ދެ ފަރާތަށް މުހިއްމު ދާއިރާތަކުގައި އިތުރަށް އެއްބާރުލުން ދެވިދާނެ ގޮތްތައް ބަލާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ ޒަމީރު ބަހްރެއިން ސަރުކާރުގެ އެހެން އިސް ފަރާތްތަކާވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އޭގެ ތެރޭގައި މާލިއްޔާއާއި ގައުމީ އިގްތިސޯދުގެ ވަޒީރާއި ތެލާއި ތިމާވެށީގެ ވަޒީރު އަދި ފަތުރުވެރިކަމުގެ ވަޒީރު ހިމެނޭ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.
އެ ބައްދަލުވުންތަކުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތައް ބަލާނެ އެވެ.
އިއްޔެއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ޒަމީރު ބަހްރެއިންއަށް ކުރައްވަމުންގެންދަވާ ދަތުރުގައި އޭނާގެ އަރިހުގައި ސަފީރުކަމުގެ މަގާމުގައި ހުންނެވި އެމްބެސެޑާ އެޓް ލާޖް އަހްމަދު ނަސީރާއި ބައިލެޓަރަލް ސެކްރެޓަރީ ޑރ. ހަލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރު މިޒްނާ ވަހީދު ބައިވެރިވެވަޑައިގަންނަވަ އެވެ.
މި އަހަރު ވެގެންދާނީ ރާއްޖެއާއި ބަހްރެއިންއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 44 އަހަރު ފުރޭ އަހަރެވެ.