މިދިޔަ 24 ގަޑިއިރު ތެރޭ ހއ. ކެލައަށް ރެކޯޑް އަދަދެއްގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ, މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ހެނދުނު އާންމުކޮށްފައިވާ މޫސުމާބެހޭ ހަބަރުގައި ބުނެފައިވާ ގޮތުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ބޯކޮށް ވާރޭވެހުނު ކަމަށް މިނިފައިވަނީ ކެލައަށެވެ.
އެގޮތުން ކެލާ އޮޓަމެޓިކް ވެދާ ސްޓޭޝަނުން 231.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު, އެއީ އޮޓަމެޓިކް ވެދާ ސްޓޭޝަނަކުން 24 ގަޑިއިރަށް ރެކޯޑް ކުރެވިފައިވާ އެންމެ މަތީ އަދަދު ކަމަށް ބުންޏެވެ.
ކެލާ ކައުންސިލުން ބުނި ގޮތުގައި, އެ ރަށަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ފެންބޮޑުވެ، ގިނަ ގޭގެއަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އަދި ފެން ހިންދުމަށް ރަށުގެ އެކި ދިމާލުން ކޯރުކެނޑުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މޫސުމާބެހޭ ހަބަރުގައި ބުނެފައިވާ ގޮތުން މިދިޔަ 24 ގަޑިއިރު ތެރޭ ދެވަނައަށް އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ހދ. ހަނިމާދޫއަށެވެ. އެ ރަށަށް 177.5 މިލިމީޓަރުގެ ވާރޭވެހުނު އިރު, ދެން އެންމެ ބޯކޮށް ވާރޭވެހުނު ރ. އިފުރަށް 102 މިލީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
މިދިޔަ ތިން ދުވަހު ރާއްޖޭގެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ވައިގަދަވެފައިވާއިރު, މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފަ އެވެ.