ރާއްޖޭގައި މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ މާލެ ހިމެނޭހެން މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވަނީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރައީސް ވިދާޅުވީ މިފަދަ ގަދަ ވިއްސާރާގައި އާންމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް އެންމެހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވި ނަތީޖާ ނެރެދެވޭނެ ކަމަށެވެ.
މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފައްޓަވާނެ ކަމަށާއި މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެންް ބޮޑުވުން ހައްލުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް އިސްކަންދީގެން ކުރިއަށް ގެންދިއުމުން ރަށްރަށުގައި ދިމާވާ މައްސަލަތައްވެސް ހައްލު ވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރުމުގައި ސަމާލުކަން ދޭން ކަމާއި ބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. އަދި މޫސުން ރަނގަޅު ވަންދެން ދަތުރުތައް މަޑުޖައްސާލަންވެސް އިލްތިމާސްކޮށްފައިވެ އެވެ.