ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރި އިރުލާނެއްގައި ބުނެފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.
ރައީސް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތައް:
- އުމުރުން 25 އަހަރު ފުރިފައިވާ، މުސްލިމް ދިވެހި ރައްޔިތަކަށް ވުން
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގަމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
- ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭ ވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހަކު ކަމުގައިވުން.
- ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ އޮތުމާއެކު ޝަރުއީ ނުވަތަ ނޫނީ ދާއިރާގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 4 (ހަތަރެއް) އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން
- ޕްރޮސެކިއުޓާ ޖެނެރަލް ކަމުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
- ޝަރުއީ ނުވަތަ ގާނޫނީ ދާއިރާއާ ގުޅުންހުރި މަސައްކަތެއް ކުރާ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ އެ ނޫންވެސް އެފަދަ ތަނެއްގައި ހިއްސާއެއް ނުވަތަ މަގާމެއް އޮތް މީހަކު ކަމުގައި ނުވުން
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން
ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނު ބުނާ ގޮތުން ޕީޖީގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަންކުރަންޖެހެ އެވެ.
ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވޭނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައި މަޖިލީހުގެ ރުހުން އެ ބޭފުޅަކަށް ލިބުމުންނެވެ.