ސިވިލް އެވިއޭޝަން ދާއިރާ އިން ރާއްޖެ އާއި ސައުދީ އަރަބިއްޔާގެ ގުޅުން ވަރުގަދަކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސައުދީގެ އުމްލުޖް ސިޓީގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި އެެއްބަސްވުމުއި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ. ސައުދީގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ސާލޭ ބިން ނާސަރު އަލް ޖަސަރު އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެއީ ވައިގެ ދަތުރުފަތުރުގެ ދާއިރާާ އާއި ސީޕްލޭން އޮޕަރޭޝަނާއި ވޯޓާ އެއަރޮޑްރޯމްއާ ގުޅޭ ދާއިރާއިން ދެ ގައުމު މެދުގައި ގުޅުން ބަދަހި ކުރަން އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ. މީގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަ ކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި އެއްބަސްވުމާ އެކީ ރާއްޖެ އާއި ސައުދީއާ ދެމެދު އޮންނަ ސްޓްރެޓެޖިކް ޕާޓްނާޝިޕް އިތުރަށް ހަރުދަނާވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.