ކ. ހުވަފެންފުށި ކައިރީގައި އޮންނަ ފިނޮޅަކަށް ދަތުރު ގޮސްގެން އުޅެނިކޮށް މ. އަސަރީހަނދާން، ތަސްލީމް މުހައްމަދު ގެއްލުނު ކަމަށް ބުނާ ޖިނާއީ ތަހުގީގެއް ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ ތަސްލީމު ހިމެނޭހެން 15 މީހުންގެ ގުރޫޕެއް ދަތުރު ދިޔައީ މިދިޔަ ހުކުރު ދުވަހު ކަމަށްވެ އެވެ.
ތަސްލީމު ގެއްލިގެން ކަމަށް ބުނެ ރިޕޯޓް ކުރުމާ ގުޅިގެން އޭނާ ހޯދަމުންދާ ކަމަށް ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުފަހު އެވެ.
ފުލުހުން މިއަދު ބުނީ އުމުރުން 43 އަހަރުގެ ތަސްލީމު ގެއްލުނު ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އެކަމަކު މިމައްސަލައިގެ ތުހުމަތުގައި ފުލުހުން އަދި ރަސްމީ ގޮތަށް އެއްވެސް މީހަކާ ސުވާލުކޮށްފައެއް ނުވެ އެވެ.
އެމްއެންއެންޑީއެފް އިން މިމައްސަލައިގައި ބުނެފައިވަނީ ތަސްލީމު ގެއްލިފައިވާ ކަމަށް އެ އިދާރާއަށް އެންގުމާ އެކު ދަތުރު ދިޔަ ކަމަށް ބުނާ ފިނޮޅުގެ ވަށައިގެން 5،000 އަކަފޫޓުގެ ސަރަހައްދެއް ސްނޯކަލްކޮށްގެން އަދި ކޯސްޓް ގާޑުގެ ޑައިވަރުން 3،000 އަކަފޫޓުގެ ސަރަހައްދެއް ޑައިވްކޮށްގެންވެސް ބަލާފައިވާ ކަމަށެވެ.
ތަސްލީމުމެންގެ ގުރޫޕުން ދަތުރު ދިޔަ ފިނޮޅަކީ މާލެއާއި ވަރަކަށް މޭލު ދުރުގައި އޮތް އަދި އެއްވެސް ވަރަކަށް ރުށްގަސް ނެތް ފިނޮޅެއް ކަމަށް އެނގިފައިވެ އެވެ.
ދަތުރު ދިޔަ ކަމަށް ބުނާ ބައެއް މީހުންނާ ހަވާލާދީ ފުލުހުން މީގެކުރިން ބުނެފައިވަނީ ތަސްލީމް އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 10:00 އާއި 11:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.