މުސްލިމުން ކާފަަރު ކުރުމާއި އެފަދައިން ދޭހަވާފަދަ ބަހަކުން މުހާތަބުކޮށް އާންމު ތަނެއްގައި ތަފުރަތުގެ އަމަލު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ވީ އެންމެ އަވަހަކަށް ފާސްކޮށްދިނުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.
އެމްޑީޕީން އެކަމަށް ގޮވައިލީ މިއަދު ނެރުނު ބަޔާނެއްގަ އެވެ. ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ ބިލާއި ގުޅޭގޮތުން އެމްޑީޕީން ބުނީ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން، މުސްލިމުންގެ ބޮލުގައި ދީނާއި ގުޅުވައި ތަފާތު ލޭބަލްތައް އަޅުވައި މުޖުތަމައުގައި ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުން ހުއްޓުވުމަށް އެ ބިލު ފާސްކުރުން ވަރަށް މުހިންމު ކަމަށެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ނަފުރަތު އުފެއްދުމުގެ އާހިރު ނަތީޖާއަކަށް ވެގެން ދަނީ އެމީހުންގެ ލޭ ހުއްދަކަމަށް ބަޔަކަށް ގަބޫލު ކުރެވުން ކަމަށެވެ. އަދި މީހުން މެރުމާއި ގެއްލުވާލުމުގެ ހާދިސާތައް ރާއްޖޭގައި ހިންގާފައިވާތީ ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުން ވަރަށް މުހިންމުވެފައިވާކަމަށް އެޕާޓީން ބުންޏެވެ.
ނަފުރަތުގެ ބިލު ފާސްކުރުން މުހިންމުވަނީ ޤާނޫނު އަސާސީއިން ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ނަފްސު ރައްކާތެރިކުރުމާއި، ދިރިހުރުމުގެ ހައްޤު ކަށަވަރުކުރުމުގެ މަގްސަދުގައި ކަމަށްވެސް އެމްޑީޕީން ބުންޏެވެ. އެހެންނަމަވެސް ބިލު މަޖިލީހަށް ހުށަހެޅި ހިސާބުން ބިލާއިމެދު ރައްޔިތުންގެ ހިތްތަނުގައި އުފައްދާފައިވަނީ ނުބައި ޝުއޫރުތަކެއް ކަމަށާއި އެބިލަކީ ދީނާއި ހިލާފު ބިލެއްކަން ވިސްނައިދޭން ބަޔަކު މަސައްކަތްކުރާކަން އެޕާޓީން ވަނީ ފާހަގަކޮށްފަ އެވެ. ބަޔާނުގައި އެކަން ވަނީ ކުށްވެރިކޮށްފަ އެވެ.
ބިލަށް ތާއީދުކުރާ ޕެޓިޝަންގައި ގިނަ ބަޔަކު ސޮއިކުރަމުންދާކަން އެމްޑީޕީން ވަނީ ފާހަގަކޮށްފަ އެވެ. އެހެންނަމަވެސް ބިލާއި ދެކޮޅަށް ހަދާފައިވާ ޕެޓިޝަނަށް މާ ތާއީދު ބޮޑުކަން ދެއްކުމަށް އުކުޅުތަކެއް ބޭނުންކޮށްގެން ބަޔަކު ހީލަތްތެރިކަމާއެކު މަސައްކަތް ކުރާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެޕާޓީން މިހެން ބުނިއިރު ބިލަށް ތާޢީދުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ފެއްޓެވި ޕެޓިޝަނުގައި ސޮއިކުރީ 2،500 އެއްހާ މީހުންނެވެ. އަނެއްކޮޅުން ބިލާއި ދެކޮޅަށް ހަދާފައިވާ ޕެޓިޝަންގައި މިހާތަނަށް 7،000 އަށްވުރެއް ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.
ސަރުކާރު ކޯލިޝަންގެ ހުރިހާ ޕާޓީތަކާއިއެކު މަޝްވަރާކޮށްގެން ހުށަހެޅިކަމަށް އެމްޑީޕީން ބުނާ ނަފުރަތުގެ ބިލަށް އެޕާޓީ ފިޔަވައި ކޯލިޝަންގެ އެއްވެސް ޕާޓީއަކުން ތާއީދު ނުކުރާކަން ވަނީ ހާމަވެފަ އެވެ. މިބިލާއި ދެކޮޅަށް 101 އިލްމުވެރިޔަކު ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅައިފަ އެވެ. އަދި ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ ރައީސް އާއި ބައްދަލުކޮށްވެސް އެ ބިލާއިމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބިލުގައި ހުރި ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި އެވެ.