ރާއްޖޭގައި ޒަމާނުއްސުރެ ކަންކުރެވިފައި އޮތް ގޮތުން ތަރިކަ ރައްކާތެރިކޮށް އެ ބެލެހެއްޓުމުގެ ދާއިރާ ވެފައިވަނީ ހަރަދުތަކެއްކޮށް އެއިން އާމްދަނީ އެއް ނުލިބޭ ދާއިރާއަކަށް ކަމަށާއި ނަމަވެސް އެކަން ބަދަލު ކުރައްވާނެ ކަމަށް ބަހާއި ތަރިކައިގެ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އާދަމް ނަސީރު އެހެން ވިދާޅުވީ, އެ މިިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.
ރާއްޖޭގެ ދެ ސަރަހައްދެއްގައި ސައިޓް މިއުޒިއަމެއް ހެދުމަށް މަސައްކަތް ކުރަމުންދާތީ އެކަމަކީ ފީސިބަލް ކަމެއްތޯ ނޫސްވެރިޔަކު ވަނީ ސުވާލުކޮށްފަ އެވެ. ނ. ލަންދޫ މާ ބަދިގެ ސަރަހައްދު އަދި ތ. ދިޔަމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމެއް ގޮތުގައި ތަރައްގީކުރަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ, މި ސަރުކާރުގެ ސިޔާސަތަކީ ޒަމާނީ ޓެކްނޮލޮޖީއާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންކުރަމުން އަންނަ ގޮތް ނަމޫނާއަކަށް ބަލައިގެން ތަރިކައިގެ ވާހަކަތައް ގެނެސް ދިނުން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެއްވިޖެނަމަ ތަރިކައަކީ ދިރިއުޅުުުގެ ބައެއްގެ އިތުރުން ގައުމީ އާމްދަނީގެ ބައެއް ގޮތަށް ބަދަލުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.