ވައިގެ މަގުން ތިން ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ސ. ހިތަދޫ، ސަމަންދަރު، އަހްމަދު އަހްސަން (35އ)ގެ ބަންދަށް އިތުުރު 30 ދުވަސް ދީފި އެވެ.
އަހްސަން މިމަހުގެ 16 ވަނަ ދުވަހު ހައްޔަރުކޮށް އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވާތީ އަހްސަންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން މިހާރު ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ދީފަ އެވެ.
މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ރާއްޖެއައި އެއާކާގޯ ޝިޕްމަންޓަކާއި، ހަމަ އެ ދުވަހު ރާއްޖެ އައި މެލޭޝިއާ އެއާލައިންސް ފްލައިޓަކުން ދަތުރުކުރި އަހްސަން ބަލައި ފާސްކޮށް އޭނާ ލައިގެން ހުރި ބޮކްސާގެ ތެރެއިންނެވެ.
ކްރިމިނަލް ކޯޓުން އާންމުކުރި ކޯޓު އަމުރުގައި ވާގޮތުން މައްސަލައިގައި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަން މަސްތުވާތަކެތި ޓްރެފިކް ކުރާކަމަށް ބެލެވޭ މިންގަނޑަށް ފެތެ އެވެ.
މަސްތުވާތަކެއްޗަށް އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން އޭއެމްޕީ އަދި އޯޕީއައި އަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށްވެސް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ. މިތަކެތީގެ ބަރުދަން ތިން ކިލޯއަށް ވުރެ އިތުރެވެ.