ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވާއިދުތައް ހެދުމަށްޓަކައި ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ފަށައިފި އެވެ.
މީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ) އާއި ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ މޯލްޑިވްސް ފެމިލީ ފައުންޑޭޝަނާ ދެމެދު ވަނީ ބާއްވައިފަ އެވެ.
އެ މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޤާނޫނު ނަންބަރު 2010/15 ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު) ގައި ބަޔާންކުރާ ޙައްޤުތަކާ ޒިންމާތަށް ކަށަވަރުކުރުމުގެ ގޮތުން އެ ޤާނޫނު ތަންފީޒުކުރުމަށް ހަދަންޖެހޭ ޤަވައިދުތަކުގެ ތެރެއިން "ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުމާބެހޭ ޤަވާޢިދު" އަދި "ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުޢާމަލާތް ކުރުމާބެހޭ ޤަވާޢިދު" އެކުލަވާލުމާއި ގުޅޭ ގޮތުންނެވެ.
"ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުން މަނާ ކުރުމާބެހޭ ޤަވާޢިދު" އަކީ ދިވެހިރާއްޖޭގައި ދުންފަތުގެ ބާވަތްތައް އިޝްތިހާރުކުރުން މަނާކުރުމަށްޓަކައި، ޤާނޫނު ނަންބަރު 2010/15 ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) ގެ 37 ވަނަ މާއްދާގެ ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން އެކުލަވާލާފައިވާ ޤަވާޢިދެކެވެ. މި ޤަވާޢިދުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނާ ޚިލާފަށް އެކި ގޮތްގޮތުން ދުންފަތުގެ ބާވަތްތަކާއި ދުންފަތުގެ ވިޔަފާރިއާއި ދުންފަތުގެ އިސްތިޢުމާލުކުރުން ޕްރޮމޯޓް ކޮށް އިޝްތިހާރު ކުރުމަށް ކުރަމުންދާ ކަންކަން ހުއްޓުވައި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކޮށް، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމެވެ.
"ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުޢާމަލާތް ކުރުމާބެހޭ ޤަވާޢިދު" އަކީ ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުޢާމަލާތް ކުރުމުގެ ހުއްދަ ދޫކުރުމާއި، އެފަދަ ވިޔަފާރި ތަކުން ޢަމަލުކުރަންޖެހޭނެކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާކަންތައް ތަންފީޒުކޮށް ދުންފަތުގެ ސަޕްލައި ކޮންޓްރޯލްކޮށް އަދި ވިޔަފާރީގެ ޢަމަލުތައް މޮނިޓަރ ކުރެވޭނެ އުޞޫލުތަށް ކަނޑައަޅައި ބަޔާންކުރުމެވެ.
ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، މި ޤަވާޢިދުތައް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުގެ ކުރިން، މިކަމާ ގުޅުން ހުރި ދައުލަތުގެ މުއައްސަސާތަކާއި މަޞްލަޙަތު ހިމެނޭ އެހެނިހެން ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ. މީގެ އިތުރުން، ޤަވާޢިދު އިތުރަށް ފުރިހަމަ ކުރުމަށާއި ތަންފީޒު ކުރުމުގައި އެ ފަރާތްތަކުގެ އެއްބާރުލުމާއި ބައިވެރިވުން ހޯދުމަކީ ވެސް މި ބައްދަލުވުމުގެ މުހިންމު އަމާޒެކެވެ.
އެ ދެ ޤަވައިދު ގެޒެޓް ކޮށް ތަންފީޒުކުރަން ފެށުމަކީ، ޤާނޫނުގެ މުޅި މަޤްޞަދު ޙާޞިލުކުރުމަށް ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތްތަކަށް އަދި ދުންފަތުގެ ވަބާއިން ދިވެހިން ރައްކާތެރި ކުރުމަށް ކުރާ މަސައްކަތަށް އިތުރުކުރިއެރުން ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.