އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން މިއަދު ހުޅުވައިލައްވައިފި އެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ އެކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ރައީސް އޮފީހުން މިއަދު ބުނީ އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޖުލައި 6 އަދި 7 ވަނަ ދުވަހު، ހެނދުނު 10:30 އިން މެންދުރު 12:30 އާ ދެމެދު އެއޮފީހުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެ އެވެ.
އީސީގެ ރައީސްގެ މަގާމުގައި ހުންނެވި ޝަރީފް އިސްތިއުފާ ދެއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އޭނާ ވިދާޅުވީ މަގާމުގައި ހުންނަވައިގެން އަމާނާތްތެރިކަމާއިއެކު އިންތިހާބުގައި މަސައްކަތް ކޮށްދެވުނުކަމުގެ ހިތްހަމަޖެހުން ލިބުނު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ ހިދުމަތުގައި ފެންނާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މީގެ ކުރިން އަޑު ފެތުރުނު ގޮތުގައި ޝަރީފް އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގަންނަވާށެވެ. ޝަރީފް އިސްތިއުފާ ދެއްވިއިރު ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ ފެނަކައިގެ އެމްޑީ ވަކިކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރުނެވެ. އަދި އެމަގާމަށް އައްޔަނުކުރަން އުޅެނީ ޝަރީފުކަމަށްވެސް އޭރު އަޑު ފެތުރުނެވެ.
ޝަރީފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެނަކައިގެ އެމްޑީއަކަށް ހުންނެވި ބޭފުޅެކެވެ.