ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 3 ބިލެއް މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
އެ ތިން ބިލަކީ:
- ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 14 ވަނަ އިޞްލާޙު ގެނައުމުގެ ބިލު: މި ބިލަކީ، 2024 އޮކްޓޯބަރ 31 ވީ ބުރާސްފަތި ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.މި ބިލުގެ ދަށުން، ފަތުރުވެރިކަމާބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ޢަދަދާއި، އެތަންތަނާބެހޭ މަޢުލޫމާތު ހިމެނޭ ލިސްޓެއް، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާއާއެކު ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލައި ޢާންމުކުރަންވާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު އެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމުގައި ބަޔާންކޮށްފައިވެއެވެ.އަދި މި ބިލުގެ ދަށުން، ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، އެނޫންވެސް އެފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ގްރީން ޓެކްސްގެ ގޮތުގައި، ދައުލަތަށް ޓެކްސް ނެގޭނެ މިންވަރު އެކަށައަޅައި ބަޔާންކޮށްފައިވެއެވެ.
މި ބިލު ފާސްވުމާ ގުޅިގެން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ، މި ބިލު މިއަދު ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި ވަނީ ޢަމަލުކުރަން ފަށާފައެވެ.
- ޤާނޫނު ނަންބަރު 2016/29 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު: މި ބިލަކީ 31 އޮކްޓޫބަރު 2024 ވީ ބުރާސްފަތި ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެވެ.މި އިސްލާޙުގައި، ޤާނޫނުގެ 1-2 ވަނަ މާއްދާގެ 1 ގެ (ހ) އަށް ގެނައި ބަދަލުގެ ދަށުން، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޑިޕާޗަރ ޓެކްސްގެ ގޮތުގައި ނަގާ މިންވަރަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، 1 ޑިސެންބަރު 2024 އިން ފެށިގެން، އިކޮނޮމީ ކުލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ޑިޕާޗަރ ޓެކްސްގެ ގޮތުގައި 12 އެމެރިކާ ޑޮލަރު އަދި އިކޮނޮމީ ކުލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 50 އެމެރިކާ ޑޮލަރު ނެގޭނެއެވެ. ބިޒްނަސް ކުލާހުން ދަތުރުކުރާނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 އެމެރިކާ ޑޮލަރު އަދި ފަސްޓް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 240 އެމެރިކާ ޑޮލަރު ޑިޕާޗަރ ޓެކްސްގެ ގޮތުގައި ނެގޭނެއެވެ. އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 480 އެމެރިކާ ޑޮލަރު، ޑިޕާޗަރ ޓެކްސްގެ ގޮތުގައި ނެގޭނެއެވެ.މި މާއްދާގެ (ހ) ގެ ދަށުން ނަގާ ޓެކްސް ނަގާނީ، 1 ޖަނަވަރީ 2022 އިން ފެށިގެންކަމަށް ބުނާ، މި ޤާނޫނުގެ 1-2 ވަނަ މާއްދާގެ (ށ)، މިއަދުގެ އިޞްލާޙާއެކު ވަނީ އުނިކޮށްފައެވެ.
މި އިސްލާޙުގައި، ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރަށްވެސް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން 1 ޖަނަވަރީ 2022 އިން ފެށިގެން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީތައް ނަގަމުން އައި ގޮތަށް ބަދަލެއް ނުގެނެސް އެ ފީތައް ނަގާނީ، 30 ނޮވެންބަރު 2024 ގެ ނިޔަލަށް ކަމަށް މި އިޞްލާޙުގައި ވެއެވެ.
އަދި 1 ޑިސެންބަރު 2024 އިން ފެށިގެން އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގާ ޓެކުހުގެ ޢަދަދުތަކަށް ވަނީ ބަދަލު ގެނެސްފައެވެ. މި ބަދަލު ބަޔާންކުރުމަށް ޓަކައި، މި ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށްފައިވެއެވެ. އެ ނަންބަރުގައި ބަޔާންކުރާ ގޮތުން، 1 ޑިސެންބަރު 2024 އިން ފެށިގެން، އިކޮނޮމީ ކުލާހުން ދަތުރުކުރާ، ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު އަދި ބިދޭސީންގެ އަތުން 50 އެމެރިކާ ޑޮލަރު، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނެގޭނެއެވެ. ހަމައެއާއެކު، ބިޒްނަސް ކުލާހުގެ ފަސިންޖަރުންގެ އަތުން 120 އެމެރިކާ ޑޮލަރު، ފަސްޓް ކުލާސް ފަސިންޖަރުންގެ އަތުން 240 އެމެރިކާ ޑޮލަރު އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން 480 އެމެރިކާ ޑޮލަރު އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނެގޭނެއެވެ.ޤާނޫނުގެ 8-1 ވަނަ މާއްދާގެ (ހ) އަށް ގެނައި ބަދަލުގެ ދަށުން، ޤާނޫނާ ޚިލާފަށް ނަގާ ޓެކްސްއާއި ފީ ފަސިންޖަރުންނަށް އަނބުރާ ދެއްކުމާބެހޭ ތަފްޞީލުތައް ވެސް ވަނީ އިޞްލާޙުކޮށްފައެވެ. އެގޮތުން، އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުން ހުއްދަ ނޫން ފަރާތަކުން އެއިން ޓެކްސްއެއް ނުވަތަ ފީއެއް ނަގާފައިވާނަމަ، ނުވަތަ އެއަރޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސް ނުވަތަ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަން ނުޖެހޭ ފަރާތެއްގެ އަތުން އެއިން ޓެކްސްއެއް ނުވަތަ ފީއެއް ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ ޢަދަދަށްވުރެ އިތުރަށް އެއިން ޓެކްސްއެއް ނުވަތަ ފީއެއް ނަގާފައިވާނަމަ، އެ ފައިސާ ނެގި މުއްދަތަށް ނިސްބަތްވާ އެއަރޕޯޓް ޓެޖްސްއާއި ފީގެ ބަޔާން މީރާއަށް ހުށަހަޅަންޖެހޭ މުއްދަތުގެ ކުރިން އެ ފައިސާ، އެ ފަސިންޖަރަށް އަނބުރާ ދޭންވާނެ ކަމަށް އިސްލާހުގައިވެއެވެ. އަދި އެފަދައިން އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދޭހާ ހިނދަކު، އެ ފައިސާ މީރާއަށް ދައްކަން ޖެހޭގޮތަށް މި އަކުރު ވަނީ އިޞްލާޙުކޮށްފައެވެ.
އަދި ޤާނޫނުގެ 8-1 ވަނަ މާއްދާގެ (ށ) އަށް ގެނައި ބަދަލުގެ ދަށުން، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން އެއްވެސް ފަރާތެއްގެ އަތުން ނަގާފައިވާ ފައިސާއެއް އެ ފަރާތަކަށް އަނބުރާ ދީފައިވާނަމަ އަދި އެ ފައިސާ މީރާއަށް ދައްކާފައިވާނަމަ، އެ ފައިސާ ދިން މުއްދަތަށް ނިސްބަތްވާ އެއަރޕޯޓް ޓެކްސްއާއި ފީގެ ބަޔާނުގައި ހިމަނައި، އެ ފައިސާ އަނބުރާ ހޯދުމަށް މީރާއަށް ހުށަހެޅިދާނެއެވެ.
މި ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) އިޞްލާޙުކޮށްފައިވާ ގޮތަށް ބަލާއިރު، މި ޤާނޫނު ތަންފީޛުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، މި ޤާނޫނު ތަންފީޛުކޮށް، މި ޤާނޫނުގައިވާ އެންމެހައި ކަންކަން ހިންގައި ބަލަހައްޓާނީ މީރާއިން ކަމަށާއި، މިގޮތުން މީރާއިން ހަދާ ގަވާއިދުގައި، މި ޤާނޫނުގެ ދަށުން އެއަރލައިންތަކާއި އެއަރޕޯޓް ހިންގާ ފަރާތްތައް ރަޖިސްޓަރީކުރުމުގެ އުސޫލުތަކާއި، އެއަރޕޯޓް ސަރވިސް ޗާޖް ނެގުމުގެ އުސޫލުތަކާއި، ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމުގައި ދަތުރުކުރާ ކްލާސްތައް ކަނޑައަޅާނެ މިންގަނޑުތަކާއި، މި ޤާނޫނުގެ ދަށުން ނަގާ ޓެކްސްއާއި ފީއަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ޓެކްސްއާއި ފީ ނެގުމުގައި ޢަމަލުކުރާނެ އިންތިޤާލީ އުސޫލުތައް ކަނޑައަޅަންވާނޭކަމަށް ވަނީ ބަޔާންކޮށްފައެވެ. މި ބަދަލާއެކު، މި ޤާނޫނުގެ 13 ވަނަ މާއްދާގެ (ނ) ވަނީ އުނިކޮށްފައެވެ.
ޤާނޫނު ނަންބަރު 2016/29 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. ބުނެވިދިޔަ ޤާނޫނަށް ގެނައި އިޞްލާޙުތަކާ ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަން ޖެހޭނެއެވެ.
- ޤާނޫނު ނަންބަރު 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު: މި ބިލަކީ 31 އޮކްޓޫބަރު 2024 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 ވަނަ ޖަލްސާގައި ފާސްކުރެެއްވި ބިލެކެވެ.މި ބިލުގައި، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގަމުން އަންނަ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ރޭޓަށް ވަނީ ބަދަލުގެންނަވާފައެވެ. އެ ގޮތުން، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތްކަމަށް ބަލާ މުދަލާއި ޚިދުމަތްތަކުން 1 ޖަނަވަރީ 2023 އިން ފެށިގެން ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ނަގަމުން އައި 16 އިންސައްތަ (ސޯޅަ ޕަސެންޓް) ނެގޭނީ 30 ޖޫން 2025 ގެ ނިޔަލަށް ކަމުގައި ވަނީ ބަޔާން ކުރައްވާފައެވެ. އަދި އޭގެފަހުން ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، 1 ޖުލައި 2025 އިން ފެށިގެން ޓީ.ޖީ.އެސް.ޓީ ރޭޓް 17 އިންސައްތައަށް (ސަތާރަ ޕަސެންޓަށް) އިތުރުވާނެކަމަށް ބިލުގައި ވަނީ ކަނޑައަޅުއްވާފައެވެ.މީގެއިތުރުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގާ ފިހާރަތައް، ޓޫރިޒަމް މުދަލެއް ނުވަތަ ޚިދުމަތެއްގެ ގޮތުގައި ޝަރުޠު ހަމަވާ ޚިދުމަތްތަކުގެ ތެރެއިން ވަނީ އިސްތިސްނާކުރައްވާފައެވެ. މި އިޞްލާޙުގެ ދަށުން، މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގާ ކެފޭތައް ވެސް ވަނީ މި އިސްތިސްނާއަށް އިތުރުކުރައްވާފައެވެ.
މި ބިލު ފާސްވުމާ ގުޅިގެން މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ވެސް ބިލުގައި ބަޔާންކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ، މި ބިލު މިއަދު ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި ވަނީ ޢަމަލުކުރަން ފަށާފައެވެ.