ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާއެކު ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓް 1400 އަށް އަދި ރާއްޖެއަށް ބޭރަށް ފުރަންދާ މީހުންނަށް 1000 ޑޮލަރު ލިބޭނެ ގޮތް ހަދައިދޭން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޑޮލަރު މާރުކުރުމުގެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ރަސްމީ ރޭޓުގައި އެސްއޯއީތަކަށް ޑޮލަރު ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށާއި އަދި މި ގަވާއިދުގެ އިތުރު ފައިދާއެއްގެ ގޮތުގައި މިހާރު ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް އެއާޕޯޓުން ދޫކުރަމުންދާ 500 ޑޮލަރު 1،000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށެވެ.
މި ގަވާއިދު ރަނގަޅަށް ތަންފީޒުކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއިން ފެށިގެން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 1،000 ޑޮލަރު ދޫކުރެވޭނެ ކަމަށާއި، އެއީ އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ވަރަށް ބޮޑަށް ފައިދާވާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރަށް އަންނަ ޖެނުއަރީން ފެށިގެން ދެމެހެއްޓެނެވި ގޮތަކަށް ޑޮލަރު މާރުކުރުމުގެ ކަންކަން ކުރެވޭނަމަ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއަށް އަންނަން ވާއިރަށް ކްރެޑިޓު ކާޑުތަކުގެ ލިމިޓު 750 ޑޮލަރުން 1،400 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"ޑޮލަރު މާރުކުރާ ގަވާއިދު ރަނގަޅަށް ތަންފީޒުވާނަމަ އަޅުގަނޑުމެން ބޭނުންވަނީ 2026 ގެ ފުރަތަމަ ކުއާޓާއަށް ދާއިރު މި 500 ޑޮލަރުގެ ބަދަލުގައި 1،000 ޑޮލަރުގެ ގަތުމުގެ ފުރުސަތު ދޭން. ދެން މިކަމަށް ހުރަސްއަޅަންވީ ކީއްވެތޯ؟،" ރައީސް ވިދާޅުވި އެވެ.