ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާisން ހުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި ހުރި ބައެއް ކަންކަމުގެ ސަބަބުން އިސްލާމީ ޝަރީއަތުގައި އަންގަވާފައިވާ މުހިންމު އަސާސްތަކަށް ހުރަސް އެޅިގެން ދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެ ބިލާއި ގުޅޭ ގޮތުން ރައުޔު ހޯދުމަށް ޖުޑިޝަރީ ކޮމިޓީން މިނިސްޓްރީގައި އެދުމުން އެކަމަށް ޖަވާބުދީ ފޮނުވި ލަފާގަ އެވެ. މިނިސްޓްރީން ވަނީ ނަފުރަތު ހުއްޓުވުމުގެ ނަމުގައި ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.
އެގޮތުން އެ ބިލުގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާއި ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާއި ދެކޮޅު މީހެއްކަމުގައި ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމުގައި ބަޔާންކޮށްފަ އެވެ. މިމާއްދާއަށް ރިއާޔަތްކޮށް މިނިސްޓްރީން ބުނީ އެ މާއްދާގެ ސަބަބުން އިސްލާމްދީނާ ޚިލާފު އަމަލުތައް ހިންގައި ދީނަށް ޖޯކުޖަހައި ކުރެހުންތަކާއި ލިޔުންތައް ފަތުރައި ފާޙިޝް ޢަމަލުތައް ފަތުރައި، ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކާމެދުގައި، އެ މީހަކު ކުރާ ކަމަކީ ދީނާ ޚިލާފު ކަމެއް ކަމުގައި ބުނުމާއި، އެކަމަށް ދީނުގައި އޮތް ޢުޤޫބާތް ބަޔާންކުރުމާއި، އެ އަމަލުކުރުމުގައި އެމީހަކު ދެމިހުރުމުން އެ މީހަކީ ދީނާ ދެކޮޅު މީހެއް ކަމުގައި ބުނުން ޖިނާއީ ކުށަކަށް ވެގެން ދާނެ ކަމަށެވެ.
މީގެ އިތުރުން ވައްކަން ކުރާ މީހުންނާއި އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނާއި، މާތްﷲއަށް ބަދުބަސް ރައްދުކުރާ މީހުންނަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ބައެއް ކަމުގައި ބަޔާންކުރުންވެސް މަނާކޮށް އެކަން ޖިނާއީ ކުށަކަށް ވެގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ވަކި ޖަމާޢަތެއް ނުވަތަ ފަރުދެއް ފާޅުގައި ދީނާ ޚިލާފު ފާޙިޝް ޢަމަލުތައް ފަތުރާނަމަ އެ ފަރުދެއްް ނުވަތަ ޖަމާޢަތަކީ ދީނާ ޚިލާފު ފަރުދެއް ނުވަތަ ޖަމާޢަތެއްކަން ބަޔާންކުރުމަކީ އެކަމުގެ ޢިލްމު ލިބިފައިވާ ފަރާތްތަކުގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އިސްލާމް ދީނުގެ މުހިންމު އަސާސްތައް ކަމުގައިވާ ހެޔޮ ކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން ނަހީކުރުމަކީ، މި އިސްލާހުގެ ސަބަބުން ޖިނާއީ ކުށަކަށް ވެގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަމަ އެހެންމެ ހުށަހަޅާފައިވާ އިސްލާހަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކާވެސް ފުށޫއަރާ އިސްލާހެއް ކަމަށާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކާ ޚިލާފު ބައިނަލްއަޤުވާމީ އުސޫލުތަކާ ފުށުއަރާ މުޖުތަމަޢުގައި ނަފުރަތު އިތުރަށް އަށަގަންނަން މެދުވެރިވާނެ އިސްލާހެއްކަން މިނިސްޓްރީން ފާހަގަކުރި އެވެ. ބިލު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ އިސްލާމީ އުންމަތުގެ ހުރިހާ ފަރުދުންގެ މައްޗަށް ވާޖިބުކުރައްވާފައިވާ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުމުގެ ދޮރު މުޅިން ބަންދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ސާފުކޮށް ބަޔާންކޮށްފަ އެވެ.
މިނިސްޓްރީން ބުނީ މީހަކު ކުރާ ކަމެއްގެ ސަބަބުން އެމީހަކީ ދީނުން ބޭރުވެފައިވާ މީހެއްކަމަށް ބުނެ އަނބުރާ ދީނަށް ރުޖޫއަވުމަށް ގޮވައިލުމަކީ އިލްމުވެރިންގެ މައްޗަށް ވާޖިބެއް ކަމަށެވެ. އަދި އެއީ މީހަކަށް އަނިޔާވެރިވުމަށް ގޮވައިލުން ނޫން ކަމަށްވެސް ބުންޏެވެ. މީހަކު ކާފަރު ކުރުމާއި ގުޅޭގޮތުން ބުނެފައިވަނީ އެއީ ވަކި ހަމަތަކެއްގެ މަތިން ހުއްދަ ކަމެއް ކަމަށާއި އެހެންނަަމަވެސް މި ބިލުގެ ސަބަބުން ދީނުން ބޭރުވާ ހާލަތުގައިވެސް އިލްމުވެރިންނަށް އެކަން ބަޔާންކޮށް ނުދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ވަނީ އިސްލާމް ދީނާއި މެދު ނަފްރަތު އުފެއްދުމަކީ ކުށެއް ކަމުގައި ކަނޑައަޅަން ބިލުގައި ވަކި މާއްދާއެއް ހިމަނަން ހުށަހަޅައިފަ އެވެ. މާތްﷲއާއި ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ސުންނަތާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި އިސްލާމްދީނާމެދު ނަފުރަތު އުފެދޭ ގޮތަށް، ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި، އިސްލާމްދީނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ދިނުމާއި ފެތުރުމާއި، އެފަދަ އަމަލަކަށް ހިތްވަރުދިނުމާއި އެފަދަ އަމަލެއް ކުރުމާއި އެފަދަ އަމަލެއްގައި ބައިވެރިވުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށް މިނިސްޓްރީން ހުށަހަޅާފައި ވެއެވެ.
މީގެ އިތުރުން ކަންބޮޑުވުން ފާޅުކޮށްފައިވާ އިތުރު މާއްދާތައް އިސްލާހު ކުރުމަށްވެސް މިނިސްޓްރީން ހުށަހެޅި އެވެ.