މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ހުޅުމާލޭ ޖަލުގައި، ގައިދީންނާއި ބަންދު މީހުން އާއިލާ އާ ބައްދަލުކުރާ ގެ ފުރިހަމަ ކުރުމަށްފަހު ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
ހުޅުމާލޭ ޖަލުގެ އާއިލީ ބައްދަލުކުރާ ގެ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރަސްމީކޮށް އެ ގެ ހުޅުވައިދެއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް އެވެ.
މީގެ ކުރިން ހުޅުމާލެ ޖަލުގައި އާއިލީ ބައްދުލުކުރުމަށް ކަނޑައަޅާފައިވާ ތަނަކީ ފަހަރަކު އެއް އާއިލާއަށް ބައްދަލުވުން ފޯރުކޮށްދެވޭހާ ޖާގައިގެ ކުޑަ ތަނެކެވެ. ނަމަވެސް މިއަދު ހުޅުވުނު ބައްދަލުކުރާ ގެއަކީ އޭސީކޮށް، ޖާގައިގެ ގޮތުން ތަނަވަސް އަދި ފަހަރަކު ތިން ފަރާތަކަށް އެމީހުންގެ އާއިލާއާ ބައްދަލުކުރުގެ ފުރުސަތު ލިބިގެންދާނެ ގެއެއްކަމަށް ކަރެކްޝަންސް ސާވިސް އިން ބުނެ އެވެ.
އަދި ބައްދަލުވުމަށް އާއިލާއާއެކު ޖަލަށް އަންނަ ކުޑަކުދިން ވާހަކަ ކިޔުމާއި ކުޅުމަށް ބައްދަލުކުރާ ގޭގައި ހާއްސަ ކިޑްސް ކޯނާ އެއް ގާއިމުކޮށްފައިވާނެ ކަމަށްވެސް ކަރެކްޝަންސް އިން މައުލޫމާތު ލިބެ އެވެ.
މީގެ އިތުރުން، ކަރެކްޝަންސްއިން ބުނީ ބައްދަލުކުރާ ގެއާއެކު އިންވެގެން އޭސީކޮށްފައިވާ ވެއިޓިން ރޫމްއެއް ވެސް ގާއިމްކޮށްފައިވާ ކަމަށެވެ. މި ވެއިޓިން ރޫމް ބޭނުންކުރެވޭނީ އާއިލާއިން ބައްދަލުކުރުމަށް އަންނަ މީހުން މަޑުކުރުމަށާއި އެހެނިހެން ކަންކަމުގައި ޖަލަށް ޒިޔާރަތްކުރާ މީހުން މަޑުކުރުމަށް ކަމަށް ކަރެކްޝަންސް އިން މައުލޫމާތު ލިބެ އެވެ.
އިތުރަށް ކަރެކްޝަންސް އިން ބުނީ މި ބައްދަލުކުރާގޭގެ ސަބަބުން، ގައިދީންނަށާއި ބަންދުމީހުންނަށް ފޯރުކޮށްދެވޭ އާއިލީ ބައްދަލުވުމުގެ އަދަދު 100 އިން ސައްތައަށް އިތުރުވެގެންދާނެ ކަމަށެވެ.