ކާނި ހޮޓެލްސް" ނަމުގައި ކ. މާފުށީގައި ހިންގަމުން ގެންދާ ހަތަރު ގެސްޓްހައުސް ވިޔަފާރިން ގަސްދުގައި ޓެކުހަށް މަކަރުހެދި ކަމަށް ތުހުމަތުކުރެވޭތީ، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހުށަހަޅައިފިއެވެ.
މީރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލައަކީ 01 ޖަނަވަރީ 2019 އިން 30 ސެޕްޓެންބަރު 2022ގެ ނިޔަލަށް ހިމެނޭ ޓެކްސް ނަގާ މުއްދަތުތަކަށް ކާނި ހޮޓެލްސް ނަމުގައި ހިންގަމުން ގެންދާ ކާނި ޕާމް ބީޗް، ކާނި ގްރޭންޑް ސީވިއު، ކާނި ވިލެޖް އަދި ކާނި ބީޗް ގެސްޓްހައުސްތަކުން ހުށަހަޅައިފައިވާ ގްރީން ޓެކްސް، ޖީއެސްޓީ، ބީޕީޓީ އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައިފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
މީރާއިން ބުނީ އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކަމަށް ބެލެވޭތީ އެކަން ތަހުގީގުކުރަން ފަށާއިފައިވާނެ ކަމަށެވެ.
"މި ތަހުގީގުގައި މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތްތަކުގެ ވިޔަފާރިއާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓާ އެ ފަރާތުގެ އޮފީސް ބަލައި ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ކުށުގެ ތުހުމަތުގައި މީހުން ހާޒިރުކޮށް ބަޔާން ނަގައިފައެވެ. މި މައްސަލައިގައި، ކާނި ހޮޓެލްސް ވިޔަފާރީގައި ހިމެނޭ ދެ ކުންފުނި ކަމުގައިވާ ކާނި ހޮޓެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް އާއި އަސްނާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްއާ، ކުންފުނިތަކުގެ ދެ ޑިރެކްޓަރުން ކަމުގައިވާ އަބްދުﷲ ނަޝީދު އާއި އާމިނަތު އާސިމާ ސަލީމްގެ އިތުރުން ވިޔަފާރީގެ އެކައުންޓްސް މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އާއިޝަތު ރަޒުނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅައިފައިވެއެވެ. މި ތަހުގީގާ ގުޅިގެން ކުރިއަށް ގެންދިޔަ ޖީއެސްޓީ އަދި ޖީއާރުޓީ އޮޑިޓުތަކުގައި ޖުމުލަ އަށް ލައްކައަށް ވުރެ ގިނަ ޑޮލަރު (13.3 މިލިއަން ރުފިޔާ) އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އެ ފަރާތްތަކަށް އަންގައިފައިވެއެވެ،" މީރާއިން ބުންޏެވެ.
ކާނި ހޮޓެލްސްއާ ގުޅޭ ވިޔަފާރިން ހުށަހަޅައިފައިވާ ޓެކްސް ބަޔާންތަކުގައި އެ ވިޔަފާރިއަށް އަންނަ ހުރިހާ ގެސްޓުންގެ މައުލޫމާތު ހިމަނައިފައި ނުވާ ކަމަށް މީރާއިން ބުންޏެވެ. އެގޮތުން ބޭރުގެ ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް އަދި ފްރީ އިންޑިޕެންޑެންޓް ޓްރެވެލަރސް (އެފްއައިޓީ)ގެ ގޮތުގައި އަންނަ ގެސްޓުންގެ މައުލޫމާތާއި އާމްދަނީ ރިޕޯޓުކޮށްފައި ނުވާކަން ތަހުގީގުގައި ހޯދި ހޯދުންތަކުން ފާހަގަކުރެވިފައިވާ ކަމަށް މީރާއިން ބުންޏެވެ.
އެކޮމަޑޭޝަންގެ އާމްދަނީގެ އިތުރަށް ވިޔަފާރިން ފޯރުކޮށްދޭ ހިދުމަތްތައް ކަމުގައިވާ އެއާޕޯޓް ޓްރާންސްފާ، ރެސްޓޯރަންޓް، ސްޕާ، އެކްސްކާޝަން ފަދަ "އެކްސްޓްރާސް" ގެ ހިދުމަތްތަކުން ލިބޭ އާމްދަނީގެ ބޮޑުބައެއް މީރާއަށް ހުށަހަޅައިފައިވާ ބަޔާންތަކުގައި ހިމަނައިފައިނުވާ ކަމަށް މީރާއިން ބުންޏެވެ.
މީރާއިން ބުނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް އެނގި ހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެއް ކަމަށެވެ. އެ ފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެއް ކަމަށް މީރާއިން ބުންޏެވެ.
ޓެކުހާ ގުޅޭ އެ ފަދަ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާ ކަމަށް ފާހަގަކުރެވޭ ފަރާތްތަކާ މެދު މީރާގެ "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ" އާ އެއްގޮތަށް ފިޔަވަޅު އަޅަމުންދާނެ ކަމަށް މީރާއިން ބުންޏެވެ.
މީގެ އިތުރުން މީރާއިން ބުނީ ޓޫރިޒަމް ދާއިރާގައި ވިޔަފާރި ހަރަކާތްތައް ހިންގާ ފަރާތްތަކުން ޓެކުހާ ގުޅޭ ކަންކަން ފުރިހަމަ ކުރުމުގައި ހުރި މައްސަލަތައް ދެނެގަތުމަށާއި އެކަންކަން ހައްލުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ދަށުން 13 ނޮވެންބަރު 2022 ގައި މީރާއިން ވަނީ ކ. މާފުށީގައި ހިންގާ ގެސްޓްހައުސްތަކުގެ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.
އެ އިންސްޕެކްޝަންތަކުގައި ވަނީ މައުލޫމާތާއި އެހީތެރިކަން ފޯރުވައިދިނުމާއި އޮޑިޓް ކުރުމުގެ އިތުރުން ޓެކުހަށް މަކަރުހެދުމުގެ ތުހުމަތުގައި މީރާއިން ތަހުގީގުކުރާ ބައެއް ފަރާތްތައް ބަލައިފާސްކޮށްފައި ކަމަށް މިރާއިން ބުންޏެވެ.
އެގޮތުން އެ ޕްރޮގްރާމްގެ ތެރެއިން ކުރި އޮޑިޓްތަކުގައި ޓެކްސް ދައްކާ ފަރާތްތަކުން އިތުރަށް ދައްކަންޖެހޭ ޓެކްސްކަނޑައަޅައި އެ ފައިސާ މީރާއަށް ދެއްކުމަށް އަންގާފައިވާނެ ކަމަށް މީރާއިން ބުންޏެވެ.