ޖަމިއްޔަތުއް ސަލަފުގެ ދައުވާ ކޯޑިނޭޓަރުގެ މަގާމު ފުރުއްވާ ޝެއިހް މުޖުތަބާ ހަމީދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.
ޝެއިހު މުޖުތަބާ ފުލުހަށް ހާޒިރުކުރަނީ ސީދާ ކޮން ސަބަބަކާއި ހުރެކަން އޭނާ ކަށަވަރުކޮށްދެއްވައިފައެއް ނުވެއެވެ.
މުޖުތަބާގެ އިތުރުން އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު މަޖިލީހަށް ހާޒިރު ކުރަންވެސް ވަނީ ނިންމައިފަ އެވެ. އިޔާޒް މަޖިލީހަށް ހާޒިރު ކުރަނީ އަންހެން ކުދިން ހިތާނު ކުރުމަށް ހިތްވަރު ދިން މައްސަލައާއި ގުޅިގެންނެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރަން މަސައްކަތް ކުރަމުންދާ ނަފުރަތުގެ ބިލާއި ދެކޮޅަށް ޖަމިއްޔަތުއް ސަލަފުން ދަނީ އަޑު އުފުލަމުންނެވެ. އެގޮތުން ޝެއިހް މުޖުތަބާވެސް ސޯޝަލް މީޑިއާގައި އެ ބިލާއި ދެކޮޅަށް ވާހަކަ ދައްކަވަ އެވެ.
މި ބިލާއި ގުޅޭގޮތުން ޝެއިހް މުޖުތަބާ ވިދާޅުވީ މިއީ ސަރުކާރުން ރާއްޖޭގައި ސެކިއުލަރިޒަމް ފެތުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. ސެކިއުލަރިޒަމް އަކީ ދީނާއި ދައުލަތް ވަކި ކުރުމުގެ ފިކުރެވެ.
ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރު ހިސާން ހުސައިން މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލާއި ދެކޮޅަށް 101 އިލްމުވެރިޔަކު ސޮއި ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއްވެސް ފޮނުވި އެވެ. އެ ޕެޓިޝަންގައި ޝެއިހް މުޖުތަބާވެސް ސޮއި ކުރެއްވިކަން ވަނީ އެނގިފަ އެވެ.