މީރާގެ އާމްދަނީގެ ހިސާބުތަކުން ދައްކާގޮތުން މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޖުމްލަ ފައިސާގެ ނިސްބަތް ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރު 44 އިންސައްތަ އިތުރުވެފައިވާއިރު، ޑޮލަރުން ލިބުނު މުދަލު ޒަކާތުގެ މިންވަރު 101 އިންސައްތައިން އިތުރުވެއްޖެއެވެ.
މީރާއިން މަހަކު އެއްފަހަރު ހާމަކުރާ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 92.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2023 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 83.7 މިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު އަށް މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ނުވަތަ 10.1 އިންސައްތައިގެ ކުރިއެރުމެކެވެ.
އަހަރުގެ ޖުމްލަ އަދަދު އިތުރުވި ނަމަވެސް، ފާއިތުވި ނޮވެންބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު 2023 ވަނަ އަހަރުގެ ނޮވެންބަރާ އަޅާބަލާއިރު ދަށްވެފައިވެއެވެ. މީރާގެ ހިސާބުތަކުން ދައްކާގޮތުން 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި 7.1 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ ނޮވެންބަރުގައި ލިބިފައިވަނީ 3.9 މިލިއަން ރުފިޔާއެވެ. މިއީ 44 އިންސައްތައިގެ ދަށްވުމެކެވެ.
ޖުމްލަ ފައިސާގެ އަދަދު އިތުރުވިއިރު، ޑޮލަރުން މުދަލު ޒަކާތް ދެއްކި މިންވަރުވެސް އިތުރުވެފައިވެއެވެ. 2023 ވަނަ އަހަރުގެ ނޮވެންބަރުގެ ނިޔަލަށް ޑޮލަރުން މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް 2،888 ޑޮލަރު ދައްކާފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި 6،082 ޑޮލަރު ދައްކާފައިވެއެވެ. މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 101 އިންސައްތައިގެ އިތުރުވުމެކެވެ.