އެކި އެކި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 112 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ދައުލަތުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި 112.3 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ޖޫރިމަނާއިން ލިބުނު އާމްދަނީ ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 66.9 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރު ޖޫރިމަނާގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައި މިވަނީ ކޮވިޑުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ބެލެވެ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފުވާ ފަރާތްތަކުން ބޮޑެތި އަދަދުތަކުން ދަނީ ޖޫރިމަނާ ކުރަމުންނެވެ.
މިއަހަރު ޖޫރިމަނާގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ދައުލަތުން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން އެކި ގާނޫނުތަކާއި ހިލާފުވެގެން 14 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރާއިރު ގަވާއިދާއި ހިލާފު ވެގެން ވެސް 10 މިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ގަޑި ޖެހިގެން ކަނޑާ ލާރިއާއި ޖޫރިމަނާގެ ގޮތުގައި 8.7 މިލިއަން ލިބޭނެ ކަމަށް ލަފާ ކުރާއިރު ޓްރެފިކް ވައޮލޭޝަން ޖޫރިމަނާގެ ގޮތުގައިވެސް 5.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ.